11 ޖޫން 2020 - 09:23

ވޮޝިންޓަން (ޖޫން 11) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމާ ގުޅިގެން މުޅި އެމެރިކާގައި ގަދަވެފައިވާ އަޑުތަކާ އެކު ފުލުހުންގެ މުޅި ފޯސް އިސްލާހު ކުރުމުގެ ހުށަހެޅުންތައް މިހާރު ވަނީ އެންމެ ފަހު މަރުހަލާގައި ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރެސް ސެކްރެޓަރީ ކޭލެއި މެކްއެނާނީ ވިދާޅުވީ ފުލުހުންގެ "އަނިޔާވެރިކަމާ" ގުޅިގެން އާއްމުން އުފުލަމުން ދިޔަ އަޑުތަކަށް އެމެރިކާ ސަރުކާރުން ސަމާލުކަން ދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ހުށަހެޅުންތައް މިހާރު ވަނީ އެޑިޓްކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އާއްމުންނަށް ހަމައަށް އެ ހުށަހެޅުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމެރިކާގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖް ކުރަމުން ދިޔަ މީހުންގެ އަޑުތައް އަހައި، ފުލުހުންގެ ތެރެއަށް ގެންނަ އިސްލާހުތަކާ ގުޅޭ މަސައްކަތުގައި ރައީސް (ޑޮނަލްޑް ޓްރަމްޕް) ވޭތުވެދިޔަ 10 ދުވަހު ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައި،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ފުލުހުންނަށް ލިބިދީފައިވާ އިމްތިޔާޒްތައް ކުޑަ ކުރުމަށް ރައީސް ތާއިދު ނުކުރައްވާ ކަމަށެވެ.
ޑިމޮކްރެޓިކް މެންބަރުން ވެސް ވަނީ ފުލުހުން އިސްލާހު ކުރުމުގެ ބިލެއް ހުށަހަޅައިފަ އެވެ.
ފުލުހުންގެ އަމަލުތައް އިސްލާހު ކުރުމުގެ އަޑު އެމެރިކާގައި ގަދަވެފައި ވަނީ ފްލޮއިޑް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ކަރަށް ފުލުހަކު ކަކުލުން އަރައިގެން ގިނަ އިރުތަކެއް ވަންދެން އިނުމުން ނޭވާ ހާސްވެ ފްލޮއިޑް މަރުވުމާ ގުޅިގެންނެވެ. ނޭވާ ނުލެވި މަރުވަނީ ކަމަށް ފްލޮއިޑް ގޮވަމުން ދިޔަ އިރު ވެސް އެ ފުލުސް މީހާ ދޫދީފައެއް ނުވެ އެވެ.