ލެސްޓާ ދެ ވަނަ ބުރާ ގާތަށް، ރެއާލަށް ބޮޑު މޮޅެއް
ލެސްޓާ ދެ ވަނަ ބުރާ ގާތަށް، ރެއާލަށް ބޮޑު މޮޅެއް

ލަންޑަން (އޮކްޓޯބަރު 19) - ޗެމްޕިއަންސް ލީގުގައި ރޭ 1-0 އިން ކޮޕެންހާގެން ބަލިކޮށް ލެސްޓާ ސިޓީ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލިއިރު، ލެހިއާ ވޯސޯ އަތުން 5-1 އިން ރެއާލް މެޑްރިޑް ބޮޑު މޮޅެއް ހޯދައިފި އެވެ.

ލެސްޓާ ދެ ވަނަ ބުރާ ގާތަށް، ރެއާލަށް ބޮޑު މޮޅެއް
ލެސްޓާ ދެ ވަނަ ބުރާ ގާތަށް، ރެއާލަށް ބޮޑު މޮޅެއް

ރޭގެ މެޗުން މޮޅުވެ ލެސްޓާ ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ބާކީ އޮތް ތިން މެޗުން ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކުރަން ލެސްޓާ އަށް ބޭނުންވަނީ މަދުވެގެން ތިން ޕޮއިންޓެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ކޮޕެންހާގެން އާއި ތިން ވަނައިގައި އޮތް ޕޯޓޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕޯޓޯ ވަނީ ރޭ 2-1 އިން ބްރޫޖް ބަލިކޮށްފަ އެވެ. އެންމެ ފުލުގައި އޮތް ބްރޫޖަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގައި ކޮޕެންހާގެން ކޮޅަށް ލެސްޓާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މާރޭޒް އެވެ.

"މިއީ ވަރަށް ހިތްހަމަޖެހޭ ނަތީޖާއެއް. ބާކީ ތިން މެޗު އޮއްވާ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވުމުގެ ސިއްރަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް،" ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުންޏެވެ.

ރޭ ރެއާލް ކުޅުނު މެޗުގައި ލެހިއާ ކޮޅަށް އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ގަރެތު ބޭލް، މާކޯ އަސެންސިއޯ، ލޫކަސް ވަޒްކޭޒް އަދި އަލްވާރޯ މޮރާޓާ އެވެ. ރެއާލުގެ އަނެއް ލަނޑަކީ ލެހިއާގެ ތޯމަސް ލޮޑްލޮވިއެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލެހިއާގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މިރޮސްލާވް ރަޑޮވިޗެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭ ސްޕޯޓިން ލިސްބަން އަތުން 2-1 އިން މޮޅުވި ބޮރޫޝިއާ ޑޯޓްމަންޑް އެވެ. އެއް ވަނައިގައި އޮތް ޑޯޓްމަންޑާއި ދެ ވަނައިގައި އޮތް ރެއާލަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ސްޕޯޓިން ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، އެންމެ ފުލުގައި އޮތް ލެހިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.