ފަސްކުރި ލަންކާގެ އާއްމު އިންތިޚާބު އޮގަސްޓް 5 ގައި
ފަސްކުރި ލަންކާގެ އާއްމު އިންތިޚާބު އޮގަސްޓް 5 ގައި

ކޮލަމްބޯ (ޖޫން 11) - ކޮރޯނާވައިރަސް ފެތުރޭތީ ފަސްކުރަން ޖެހުނު ސްރީ ލަންކާގެ އާއްމު އިންތިޚާބު އަންނަ އޮގަސްޓް މަހު 5 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅި ތާރީޚަށް ވުރެ ތިން މަސް ދުވަސް ފަސްކުރަން ޖެހުނީ ކޮރޯނާވައިރަސް ފެތުރޭތީ މުޅި ގައުމު ލޮކްޑައުން ކުރަންޖެހުމުންނެވެ. ނަމަވެސް ލޮކްޑައުން މިހާރު ހުޅުވާލާފައިވީ ނަމަވެސް އަދިވެސް ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގަ އެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މަހިންދާ ޑެޝަޕްރިޔާ ވިދާޅުވީ ވޯޓުލާ ބޫތުތަކާއި ވޯޓު ގުނާ ސެންޓަރުތަކުގައި ސިއްހީ ގައިޑްލައިންތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަަމަށެވެ. އެގޮތުން އެ ގައިޑްލައިންތައް ޓެސްޓް ކުރަން މި ހަފުތާގެ ބަންދުގައި "ނަމޫނާ އިންތިޚާބެއް" ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ލަންކާގައި އެންމެ ފުރަތަމަ އާއްމު އިންތިޚާބު ބޭއްވުމަށް ނިންމީ އެޕްރީލް 25 ގަ އެވެ. ނަމަވެސް އެ ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެތީ ދެން ފަސް ކުރީ ޖޫން 20 އަށެވެ. މި މަހު ވެސް އިންތިޚާބު ބޭއްވިދާނެ ކަމަށް ލަފާ ނުކުރެވޭތީ އާ ތާރީޚެއްގެ ގޮތުގައި ކަނޑައެޅީ އޮގަސްޓް 5 ވަނަ ދުވަހު އެވެ.

ރައީސް ގޯޓާބޭ ރާޖަޕަކްސާ އުއްމީދު ކުރައްވަނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އެމަނިކުފާނުގެ ޕާޓީ އަށް ލިބޭނެ ކަމަށެވެ.

ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް މަދުވުމާ އެކު ލަންކާ އިން މިހާރު ނިންމާފައި ވަނީ އަންނަ މަހު ކުރީކޮޅު ސްކޫލްތައް ވެސް ހުޅުވާށެވެ. އަދި އޮގަސްޓް 1 އިން ފެށިގެން ޓޫރިސްޓުން ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.