ހުއްދަ ލިބުނުހާ އަވަހަކަށް ބޭސްފަރުވާ އަށް މީހުން ބޭރަށް ފޮނުވާނެ: އާސަންދަ
ހުއްދަ ލިބުނުހާ އަވަހަކަށް ބޭސްފަރުވާ އަށް މީހުން ބޭރަށް ފޮނުވާނެ: އާސަންދަ

ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ހާލު ބޮޑު މީހުން އިތުރު ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދަ ކުންފުނިން މިއަަދު ބުނެފި އެވެ.

ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ދިވެހިން އެންމެ ގިނައިން ފަރުވާ ހޯދަން ދާ އަވަށްޓެރި ގައުމުތަކުގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. ނަމަވެސް ރާއްޖެ އިން މިވަގުތު ފަރުވާ ދެވެން ނެތް ހާލު ބޮޑު 33 މީހަކު ބޭރަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް، މިދިޔަ ހަފުތާގެ ހޯމަ ދުވަހު އާސަންދަ އިން ބުނެފައި ވެ އެވެ.

ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ބޯޑަރުތައް ބަންދުކޮށްފައިވާ މި ހާލަތުގައި ދަތުރުކުރުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ ކަމަށެވެ. އެކަން ފޮރިން މިނިސްޓްރީން ހަމަޖައްސަމުން އަންނަ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ފަރުވާ އަށް ފޮނުވާލާނެ ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ބަލި މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންޑިއާ އާއި ސްރީ ލަންކާގެ ސަރުކާރާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ.

"އެކަމުގެ މަޝްވަރާތައް ކުރަމުން މިހާރު އަންނަނީ. އަދި ވަކި ގޮތެއް ނުނިންމާ،" މިއުވާން ވިދާޅުވި އެވެ.

އަވައްޓެރި ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތު މިހާރު އެންމެ ގޯހީ އިންޑިއާގަ އެވެ. އެ ގައުމުގެ 250،000 އަށް ވުރެ ބަލި ޖެހިފައިވާއިރު 7،700 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 2،000 އިން ދަށުގަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިދިޔަ ހަފުތާގައި ބޭއްވި މީޑިއާ ބްރީފިންގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ގިނަ ބަޔަކު މިވަގުތު އެބަތިބި ކަމަށެވެ. ނަމަވެސް ހާލަތު ހުރި ގޮތުން އޭގެ ތެރެއިން އެންމެ ހާލު ބޮޑު މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.