އިންޑިއާގެ ލޮކްޑައުންގައި ގުލްކޯޒް ބިސްކޯދުގެ ރަސްކަން
އިންޑިއާގެ ލޮކްޑައުންގައި ގުލްކޯޒް ބިސްކޯދުގެ ރަސްކަން

ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި މާޗް މަހުގެ ފަހުކޮޅު އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި، އެ ގައުމުގެ މަޝްހޫރު ޕާލް-ޖީ ބްރޭންޑްގެ ގުލުކޯޒް ބިސްކޯދުގެ ޑިމާންޑް ފާއިތުވި 80 އަހަރު ތެރޭ އުފުލިގެން ނުދާ ވަރަށް އުފުލިއްޖެ އެވެ.

ޕާލް-ޖީގެ ކެޓަގަރީ ހެޑް މަޔަންކް ޝާހް އިކޮނިމިކް ޓައިމްސް އަށް ވިދާޅުވީ މާޗް، އެޕްރީލް އަދި މެއި މަހުގެ ތެރޭގައި ގުލުކޯޒް ބިސްކޯދުގެ ޑިމާންޑް އުފުލިގެން ދިޔައީ ކުރިން ހީވެސް ވެސް ނުކުރާ މިމްވަރަކަށް ކަމަށެވެ. ނަމަވެސް އެ މުއްދަތަތުގެ ތެރޭގައި ވިކުނު ބިސްކޯދު ޕެކެޓްގެ އަދަދެއް ހާމައެއްނުކުރެ އެވެ.

މަޔަންކް ވިދާޅުވި ގޮތުގައި ލޮކްޑައުނާ ހެދި ބޭރަށް ނުނިކުމެވި، ގޭތެރޭގައި ބަންދުވެގެން ތިބެން ޖެހުމުން ޕާލްޖީ-ގުލުކޯޒް ބިސްކޯދަކީ ލުއިކޮށް ނާސްތާކޮށްލަން އެއްވަނައިގެ އުފެއްދުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަސް ރުޕީސް އަށް ވިއްކާ ޕެކެޓްތައް ފަތުއަޑުކިޔާފައި ވިކެމުން ދިޔަ ކަމަށް ބުންޏެވެ. މަޔަންކް ވިދާޅުވި ގޮތުގައި ބިސްކޯދުގެ ޑިމާންޑް އެހާ ބޮޑަށް އުފުލުނީ އާމްދަނީ ލިބޭ ދޮރުތައް ވެސް މެދު އަދި ދަށް ފަންތީގެ އާއިލާތަކަށް ގެއްލި ޕާން ފަދަ އެއްޗެހި ގަންނަން ދަތިވުމާ ގުޅިގެންނެވެ.

"ޑިމާންޑާ އެއްވަރަށް އަހަރެމެން ދިޔައީ ސަޕްލައި ވެސް ކުރަމުން. އެހެންވެ ބިސްކޯދު ލިބުގައި ތާއްޓެއް ވެސް ނެތް،" މަޔަންކް ވިދާޅުވި އެވެ. "އަދި މި ފަހަރު މި އުފުލުނު ޑިމާންޑަކީ ޕާލްޖީގެ އަށްޑިހަ އަހަރުވީ ތާރީހުގައި ވެސް ގުލުކޯޒް ބިސްކޯދުގެ ޑިމާންޑް މިހާ ބޮޑަށް އުފުލުނު ފަހަރު."

ވަރަށް ގިނަ ބަޔަކު ވަނީ ޓްވިޓާގައި ވެސް އެ މީހުންގެ ހިތުގައި ޕާލް-ޖީ ގުލްކޯޒް ބިސްކޯދަށް އޮތް ލޯބި ހިއްސާކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ބުނީ އެ ބިސްކޯދަކީ ހަމައެކަނި ކާ އެއްޗެއް ނޫން ކަމަށާއި އެއީ އިންޑިއާގެ އާބާދީގެ ބޮޑު ޕަސަންޓޭޖެއްގެ ޖަޒުބާތާ ވެސް ގުޅިފައި އޮތް އެއްޗެއް ކަމަށެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ޕާލް-ޖީ ގުލްކޯޒް ބިސްކޯދަކީ އާދައިގެ ރައްޔިތުންގެ ހިތްތަކުގައި އަބަދު ވެސް ރަސްކަން ކުރާނެ އެއްޗެކެވެ. އަދި އެ ވައްޓައިލެވޭނެ ދެވަނަ ބިސްކޯދެއް ނެތެވެ. ޓްވިޓާގައި އެކި މީސްމީހުން ބިސްކޯދާ ބެހޭ ގޮތުން ފާޅުކޮށްފައިވާ ޝުއޫރުތައް ޕާލް-ޖީން ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ޕާލް-ޖީ ގުލުކޯޒް ބިސްކޯދަކީ 1939 ގައި އުފެއްދި އެއްޗެކެވެ މި ބިސްކޯދަށް 1980 އާ ހަމައަށް ކިޔަމުން ގޮސްފައި ވަނީ "ޕާލް ގުލްކޯ" އެވެ. ދެހާސް އެގާރައިގައި ނީލްސެން އިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ޕާލް-ޖީ ގުލުކޯޒް ބިސްކޯދަކީ ދުނިޔޭގެ އެންމެ މަޝްހޫރު ބިސްކޯދު ބްރޭންޑެވެ. ޕާލް-ޖީން ގުލުކޯޒް ބިސްކޯދު ޕްރޮމޯޓްކުރަނީ "ގައުމުގެ އަމިއްލަ ބިސްކޯދު" ގެ ގޮތުގަ އެވެ.