10 ޖޫން 2020 - 14:46

ރަށް ރަށުގައި މަސައްކަތް ކުރަމުން އަންނަ އޮގްޒިލަރީ ފަޔަމަނުން ލައްވައި ޑިފެންސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ "އަޅު ކުދިން"ގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަނީފް ވިދާޅުވީ އޮގްޒިލަރީ ފަޔަމަނުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބައެއް ފަރާތްތަކުން ކޮންޓްރެކްޓް އުސޫލުން ދާއިމީ ނުވެ މަސައްކަތްކުރާތާ މިހާރު 10 އަހަރު ވެއްޖެ ކަަމަށެވެ. އެގޮތަށް ދާއިމީ ނުވެ މަސައްކަތް ކުރަން ޖެހޭތީ އެމީހުން ވަނީ ވަޒީފާއާ ބެހޭ ގާނޫން ލިބިދޭ ހައްގުތަކުން މަހުރޫމް ވެފައި ކަމަށް ވެސް އޭނާ އޭނާ ވިދާޅުވި އެވެ.
"ޑިފެންސް މިނިސްޓްރީގައި މިއަދު ވެސް މަސައްްކަތް ކުރުވަމުންދާނެ އަޅު ކުދިންގެ ގޮތުގައި މަސައްކަތްކުުރުވަމުން ދާނެ އޮގްޒިލަރީ ފަޔަރުން ކިޔާ ކުދިންތަކެއް،" ސަނީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް މަސައްކަތް ކުރާ ފަޔަރުމަނުންނަށް ލިބެނީ މަހަކު ގާތްގަނޑަކަށް 4،500ރ. އެވެ.
ވަޒީފާގެ ގާނޫން ލިބިދޭ ހައްގުތައް އެ މީހުންނަށް ނުލިބޭ ކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ދަރިއަކު އުފަންވުމުން ލިބޭ ޗުއްޓީ ނުލިބުމުގެ މައްސަލަ އެވެ. ސަނީފް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ތިނަދޫގައި މަސައްކަތް ކުރާ މީހެއްގެ އަންހެނުން ވިހެއުމުން ޗުއްޓީ ނުލިބުނު ކަަމަށެވެ.
"އަޅުގަނޑުމެން ހުރިހާ ތަނަކުން މިކަން މިހެން ކުރާ އިރު [ދަރިއަކު އުފަންވުމުން ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދޭ އިރު] އެބޭފުޅުން، އެ ޑިފެންސް މިނިސްޓްރީގައި ތިބޭ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ވައުދަށް މިއަދު ވެސް އެ ގޮން ޖައްސަވަނީ މީގެ ކުރީގައި ބަޣާވާތެއް ކޮށްގެން ތިބީމާތޯއޭ،" ސަނީފް ވިދާޅުވި އެވެ.
ރަށްރަށުގައި ހަރަކާތްތެރިވާ އޮގްޒިލަރީ ފަޔަމަނުންނަކީ ޑިފެންސް މިނިސްޓްރީ އަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭ ބަޔެކެވެ. ސަނީފްގެ ވާހަކައާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ކޮންޓްރެކްޓް އުސޫލުން ފަޔަމަނުން ގެންގުޅެން ޖެހެނީ ގާނޫނީ ގޮތުން އެނޫން ގޮތެއް ނެތީމާ ކަމަށެވެ.
"މަޖިލީހުން ގާނޫނު އިސްލާހު ކޮށްފިއްޔާ ޑިފެންސް މިނިސްޓްރީން އެއާ އެއްގޮތަށް އަމަލުކުރާނެ،" ކަމަށް އެ މިިނިސްޓްރީން ބުންޏެވެ.