10 ޖޫން 2020 - 13:02

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ހަފުތާގައި ދޭނެ ލުއިތަކުގެ ތަފްސީލު މިރޭ އިއުލާން ކުރާނެ ކަމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން ބުނެފި އެވެ.
މިދިޔަ އެޕްރީލް މަހުގެ 15 ގައި މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމުން އިއުލާންކުރި ލޮކްޑައުން އަށް ލުއިތަކެއް މިހާރު ވެސް ވަނީ ދީފަ އެވެ. އެގޮތުން، ގޭބިސީތަކުން ބޭރަށް ދެވޭ މީހުންގެ އަދަދާއި ބޭރުގައި އުޅެވޭ ވަގުތު އިތުރުކޮށް އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއްގައި ބޭރަށް ދާން ހުއްދަ ދެ އެވެ. މީގެ އިތުރުން ބައެއް ވިޔަފާރިތަކަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.
ލޮކްޑައުން ކުރިތާ 43 ދުވަސް ފަހުން މިދިޔަ މަހުގެ 30 އިން ފެށިގެން ލުއިތައް ދެމުން މި އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުން އަށް ދޭނެ އިތުރު ލުއިތަކުގެ މައުލޫމާތު ރޭގެ ޕްރެސް ކޮންފަރެންސްގައި ދޭން މަސައްކަތްކުރި ކަމަށާއި އެކަން ނުވީ، ޕޮލިސީ ލެވެލްގައި އަދިވެސް ބައެއް ކަންކަން ނިންމަމުން އަންނާތީ ކަމަށެވެ. އެކަމަކު ލުއި ދިނުމުގައި ކުރިއަށް އޮތް މަރުހަލާގެ ކަންކަމުގެ މައުލޫމާތު މިރޭ ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮކްޑައުންގެ ފުރަތަމަ މަރުހަލާގައި އެންމެ ފުރަތަމަ ލުއި ދިނީ ދެ ހަފުތާއަށެވެ. އެކަމަކު ބަލީގެ ހާލަތު އާއްމުންގެ ތެރޭގައި އޮތް މިންވަރަށް ބަލައި، ފުރަތަމަ ލުއި ދިން ކަންކަމާ މެދު ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. އެއީ ގޭތެރޭގައި ބަންދުވެފައި ތިބޭތާ އެތައް ދުވަހެއް ވީއިރު އެ މީހުންގެ ހާސްކަން ކުޑަކުރުމަށް އެއްވެސް ކަމެއްގެ އޭގެ ތެރޭގައި ހިމަނާފައި ނުވާތީ އެވެ.
ލޮކްޑައުން ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ ބުނެފަ އެވެ. އެގޮތުން ފަސް ކެޓަގަރީއެއްގެ މީހުންގެ ސާމްޕަލް ނަގައި، ޓެސްޓުކުރާނެ ކަމަށާއި ލުއި ދިނުމުގެ ޕްލޭނާ އެކު ކުރިއަށް ދެވޭނީ އެ ޓެސްޓްތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށް އެޗްޕީއޭން ބުންޏެވެ.
ރާއްޖެއިން މިހައިތަނަށް ކޮވިޑް-19 ޖެހުނު މީހުުންގެ އަދަދަކީ 1،942 އެކެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވި އިރު 1،010 މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެހެންވެ މިހާރު އެކްޓިވް ކޭސްްތަކުގެ އަދަދަކީ 922 އެވެ.