އެލައިޑް އިންޝުއަރެންސްގެ އައްޑޫ އޮފީސް އަލުން ހުޅުވައިފި
އެލައިޑް އިންޝުއަރެންސްގެ އައްޑޫ އޮފީސް އަލުން ހުޅުވައިފި

ކޮވިޑް-19 ފެތުރެން ފެށުމުން ބަންދުކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އެލައިޑް އިންޝޫރަންސްގެ އައްޑޫ އޮފީސް އިއްޔެ ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނީގެ އައްޑޫ އޮފީސް ހިންގަނީ ހިތަދޫގަ އެެވެ.

އެލައިޑުން ބުނި ގޮތުގައި ކުރިއެކޭ އެއްގޮތަށް މިހާރު އެ އޮފީހުގެ ހިދުމަތްތައް ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ހަމައަށް ލިބޭނެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗް މަހުގެ 19 ގައި އޮފީސް ބަންދުކުރި ނަމަވެސް އެލައިޑުން އައްޑޫގައި ދޭ ހިދުމަތްތައް އޮންލައިންކޮށް ދެމުން ގޮސްފައިވެ އެވެ. އަދި މިހާރު ވެސް އޮންލައިންކޮށް ހިދުމަތްތައް ހޯދޭނެ އެވެ.

އެލައިޑުން ބުނީ އަލުން އޮފީސް ހުޅުވައި ހިދުމަތްދޭ އިރު، ހިދުމަތް ހޯދަންދާ މީހުން މާސްކް އެޅުމަށާއި ސޯޝަލް ޑިސްޓެންސިން އަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސް ވެސް ކޮށްފައިވެ އެވެ.

އެލައިޑުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް އޮފީހުގެ ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށެވެ.