ހައްޔަރުކުރި ގުރުއާން ޓީޗަރު ހަ ދަރިވަރަކާ ބެހުނު
ހައްޔަރުކުރި ގުރުއާން ޓީޗަރު ހަ ދަރިވަރަކާ ބެހުނު

ދަރިވަރުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުތުރުގެ ރަށަކުން ހައްޔަރުކުރި ގުރުއާން ޓީޗަރު އޭނާގެ ހަ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި 28 އަހަރުގެ އެ ޓީޗަރުގެ ޝިކާރައަކަށްވި ދަރިވަރުންގެ ތެރޭގައި އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިން ހިމެނެ އެވެ. އަދި އެކަން އޭނާ ކުރަނީ ކުދިން ކިޔަވަން ދިޔުމުން ކަމަށް އެނގިފައި ވެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފަ އެވެ.

ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެވެ އެވެ. އެ ފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގާނޫނީ ކުށެކެވެ. އެހެންވެ، އެކަން ހިނގި ރަށާއި މީހާގެ މައުލޫމާތު "މިހާރު" އަށް އެނގުނަސް ޚަބަރުގައި ވާނީ ސިއްރުކޮށްފަ އެވެ.

ކަން ހިނގި ގޮތް އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ރަށު ފެންވަރުގައި ބޮޑު އަދި އެކި މުބާރާތްތައް ވެސް ބާއްވާ އެ ގުރުއާން ކްލާހަށް ރަށުގެ ވަރަށް ގިނަ ކުދިން ކިޔަވަން ދެ އެވެ. އެތަނުގައި އެ ޓީޗަރުގެ އިތުރުން އެހެން ތިން ޓީޗަރަކު ކިޔަވައިދެ އެވެ.

"މިކަން ހިނގާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށް ވަނީ. އަނިޔާ ލިބުނު ބައެއް ކުދިން އެ ވާހަކަ ދެއްކުމުން ފަޅާ މި އެރީ،" އެ ރަށުގެ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓީޗަރު ކުދިން ހައްލައިލަނީ އެކި ކަހަލަ ހަދިޔާތައް ދީގެންނެވެ. އަދި އެކަމަށް އެ ކުދިންނާއެކު އޭނާ ގިނަ ވަގުތުތަކެއް ހޭދަކުރާކަން އެނގިފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށު މިސްކިތުގައި އިމާމުވެ ނަމާދުކުރާ އަދި ހުތުބާ ވެސް ދޭ މީހެކެވެ. އަދި އޭނާ އަކީ ކުދިންނަށް ތައުލީމު ދިނުމަށް ވެސް ބާރުއަޅާ މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ. އެހެންވެ، މި ފަދަ ތުހުމަތުތަކެއްގައި އެ ޒުވާނާ ހައްޔަރުކުރުންވީ ރަށުގެ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ.

"ބައެއް މީހުން ގަބޫލުކުރާ ގޮތުން އޭނާ އެ ފަދަ ކަމެއް ނުކުރާނެ. އެހާ ވެސް އަހުލާގު ރަނގަޅު މީހެއް ކަމަށް ވަނީ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ ދެން އެތަނަށް ކިޔަވައިދޭން އެއްވެސް ބެލެނިވެރިޔަކު ކުދިން ފޮނުވާނެހެނެއް،" ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގުރުއާން ޓީޗަރު 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަމުރު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ވެސް ވަނީ އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ތިން މަސް ކުރިން، ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވެ އެވެ.