11 ޖޫން 2020 - 05:23

ދާދި ފަހުން މީޑިއާތަކުން ބުނި ގޮތުގައި 2018 ގައި ރިލީޒްކުރި ކާމިޔާބު ސަސްޕެންސް ތުރިލާ "އަންދާދުން" ގައި ތައްބޫ ކުޅުނު ކެރެކްޓާ، އެ ފިލްމުގެ ތެލެގޫ ރިމޭކްގައި ވެސް ކުޅެދޭން އޭނާ އަށް ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް ރިޕޯޓްތައް މިހާރު ބުނަނީ ކުރިން ކުޅުނު ރޯލެއް ތަކުރާރުކުރަން ބޭނުން ނުވާތީ ތައްބޫ ފިލްމު އެއްބަސްނުވުމުން، ޝިލްޕާ ޝެޓީ އަށް ފިލްމު ހުށަޙަޅާފައިވާ ކަމަށެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެ އެވެ.
ކުރިން އަޑުއަރާފައިވާ ގޮތުގައި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ރާމިއާ ކްރިޝްނަން އާއި އަނަސޫޔާ އަށް "އަންދާދުން" ގެ ހިންދީ ރިމެކް ހުށަހެޅި އެވެ. އެކަމަކު ފިލްމުގެ ރައިޓްސް ހޯދި ޓީމުން މިހާރު ބަލަނީ ޝިލްޕާ އަށް ކަމަށްވާތީ އޭނާއާ އެކު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
ބޮޑު ސްކްރީނާ ދުރުގައި ހުންނަތާ 12 ވަރަކަށް އަހަރު ފަހުން 45 އަހަރުގެ ބަތަލާ މިހާރު އަންނަނީ ހިންދީ ދެ ފިލްމެއްގައ ވެސް މަސައްކަތްކުރަމުންނެވެ. އެއީ "ނިކައްމާ" އާއި "ހަންގާމާ 2" އެވެ. ޝިލްޕާ އަކީ އިންޑިއާގެ ދެކުނުގެ ފިލްމުތަކަށް އާ ބަތަލާއެއް ނޫނެވެ. އޭނާ ކުރިން ވެސް ތެލެގޫ، ތަމަޅަ އަދި ކަންނާޑާ ބަހުން ހަދާފައިވާ ފިލްމުތަކެއް ކުޅެފައިވެ އެވެ.
ސްރީރާމް ރަގްވަން ޑައިރެކްޓްކުރި "އަންދާދުން" ގައި އަޔޫޝްމަން ކްރާނާ ކުޅުނު ރޯލް ކުޅޭނީ ނިތިން އެވެ. އަޔޫޝްމަން އަށް ވަނީ އެ ރޯލް ކުޅެގެން މިދިޔަ އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން "އަންދާދުން" ގައި ބަތަލާ ރާދިކާ އަޕްޓޭ ކުޅުނު ރޯލް ތެލެގޫ ފިލްމުގައި ކުޅޭނީ ޕްރިޔަންކާ އަރޫލް މޯހަނެވެ.