10 ޖޫން 2020 - 09:45

ވޮޝިންޓަން (ޖޫން 10) - ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވާން އަދި ކައިރިވެސް ނުވާ ކަމަށް އެމެރިކާގެ ކޮރޯނާވައިރަހުގެ ތަޖްރިބާކާރު އަދި ވައިޓް ހައުސްގެ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ އިންޒާރު ދެއްވައިފި އެވެ.
"ހަތަރު މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ވައިރަހުގެ ސަބަބުން މުޅި ދުނިޔެ ސުންނާފަތިކޮށްލައިފި،" ބަޔޯޓެކްނޯލޮޖީ އިނޮވޭޝަން އޮގަނައިޒޭޝަނުން އިންތިޒާމް ކުރި ކޮންފަރެންސެއްގައި ފައުޗީ ވިދާޅުވި އެވެ.
ކޮރޯނާވައިރަހަކީ ހަޔާތުގެ އެންމެ ބިރުވެރި ތަޖްރިބާ ކަމަށް ސިފަކުރައްވަމުން އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ވިދާޅުވީ ވައިރަސް ފެތުރެމުންދާ ހަލުވިމިނާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ވެސް މި ވައިރަހަށް އަވަސް މުއްދަތެއްގެ ތެރޭގައި ވެކްސިނެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރޯނާވައިރަހަށް އެމެރިކާގައި ޕޮޒިޓިވްވި މީހުން ދެ މިލިއަން ފަހަނަޅައި ގޮސް މިހާރު ވަނީ 2,045,549 އަށް އަރައިފަ އެވެ. އެމެރިކާ އިން 114,148 މީހުން މަރުވި އިރު ބަލިން ރަނގަޅުވެފައި ވަނީ 788,862 މީހުންނެވެ. މުޅި ދުނިޔެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 7,318,131 އަށް އަރައިފަ އެވެ. ބަލީގައި ދުނިޔެ އިން ވަނީ 413،648 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 3,602,601 މީހުންނެވެ.