މިއީ އެއް ޕާޓީ ގައުމެއް ނޫން، މަޖިލިސް ހިންގަން ބޭނުމީ މައިނޯރިޓީއާ އެކު: ނަޝީދު
މިއީ އެއް ޕާޓީ ގައުމެއް ނޫން، މަޖިލިސް ހިންގަން ބޭނުމީ މައިނޯރިޓީއާ އެކު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ހިންގަން އެދެނީ ބައިމަދު ޕާޓީތަކާ އެކުގައި ކަމަށާއި މިއީ "އެއް ޕާޓީ ގައުމެއް "ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި ނަޝީދު ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ރައްޔިތުންްގެ މަޖިލީހުގައި ނެތީމާ ގޮނޑީގެ އަދަދުން މާބޮޑު ހުސްކަމެއް ފާހަގަ ނުވިޔަސް، މުޅި ސިޔާސީ ނިޒާމަކީ ވާވެރިންނާ އެކީ ހިންގަންޖެހޭ ނިޒާމެއް ކަމަށެވެ. އެހެން ވިދާޅުވެ، ޕީޕީއެމް-ޕީއެންސީގެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް އެ މަނިކުފާނު އެދިވަޑައިގަތަވެ.

"މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް ކުރާންޖެހޭ ކަންކަން ބައެއް ފަހަރު އެބަ އަޅުގަނޑު ކުރާން ޖެހޭ. އެހެން ނަަމަވެސް އެއްވެސް ހާލެއްގައި އެއީ އަކީ އަބަދުގެ މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ހަމަތައް ގޮތުގައެއް އިއްޒަތްތެރި މެމްބަރުން ދެކެވަޑައިނުގަތުން އަޅުގަނޑު އެދެން. ހާއްސަކޮށް ޕީޕީއެމްއާއި ޕީއެންސީގެ އިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެން މަޖިލީހަށް ވަޑައިގެންނެވުމަށް،" ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ރައްޔިތުންގެ މަޖިލިސް ބޮއިކޮޓް ކުރީ ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި ޖަލްސާ އިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނެރެން އުޅުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކަށް ފަހުގަ އެވެ. އެކަމުގައި އެމްޑީޕީގެ މެމްބަރުން ޝިޔާމަށް ހަމަލާދިން ކަމަށް ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ވެސް ވަނީ ހުށަހަޅަައިފަ އެވެ.

ނަޝީދު މިއަދު ވިދާޅުވީ ވާދަވެރިކަމާ އެކު މަސައްކަތްކުރުން ރާއްޖެ އަށް ކޮންމެހެން ބޭނުންވާ ކަމަށާއި ރާއްޖޭގައި މަލްޓި ޕާޓީ ސިޔާސީ ޑިމޮކްރަސީ ތައާރަފްކުރި ފަހުން ރާއްޖޭގެ ރައްޔިތުންގެ ޖުމްލަ ޕޮޕިއުލާ ވޯޓް އެއް ޕާޓީއަކަށް ރައްޔިތުން ދީފައިނުވާ ކަަމަށެވެ.

"މިއީ އެއްޕާޓީ ގައުމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީތަކާ އެކު މަސައްކަތްކުރެވޭނީ ވާހަކަ ދައްކައިގެން ކަމަށާއި އެ ފަރާތްތަކުން އެދޭ ކަންތައްތައް ހުންނާނެ ކަަމަށެވެ. އެ ގޮތުން އެ ވާދަވެރިން ސިޔާސީ ބޭނުމަށް ވެސް ކަންތައްތަކަށް އެދޭނެ ކަމަށާއި އެކަންކަމުގައި ގޮތް ނިންމާނީ މެޖޯރިޓީ އޮންނަ ޕާޓީން ކަމަށެވެ.

"އެހެންވީމާ [އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގެންނެވުމަށް ] އަޅުގަނޑު ތަކުރާރުކޮށް އެދޭނަން. އަދި އަޅުގަނޑުު ނިކަމެތިވާންވީ ވަރަކަށް ނިކަމެެތިވެސް ވާނަން. މިދެންނެވި ހަމަ މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެމެހެއްޓުމަށް ޓަކައި، އެއީ އަޅުގަނޑު ނިކަމެތިވާން ޖެހޭ ކަމެއް ކަމުގައި ވަނީ ނަމަ އިރާދަކުރެއްވިއްޔާ އެކަން ވެސް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.