ލަންކާގެ ސްކޫލްތައް އަންނަ މަހު ހުޅުވަނީ
ލަންކާގެ ސްކޫލްތައް އަންނަ މަހު ހުޅުވަނީ

ކޮލަމްބޯ (ޖޫން 10) - އެކި ސްޓޭޖްތަކަށް ބަހާލައިގެން ސްރީ ލަންކާގެ ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އަންނަ މަހު ހުޅުވަން ނިންމައިފި އެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް ހުޅުވާނީ ހަތަރު ސްޓޭޖަކަށް ބަހާލައިގެން ކަމަށެވެ. ޓީޗަރުންނާއި ޕްރިންސިޕަލުން ސްކޫލްތަކަށް ހާޒިރުވުމަށް އަންގާފައި ވަނީ މި މަހު 29 ގަ އެވެ. އޭގެ ފަހުން ގްރޭޑް 5، 11 އަދި 13 ގެ ދަރިވަރުންނަށް ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ ޖުލައި 6 ގަ އެވެ. ގްރޭޑް 10 އަދި 12 ގައި ކިޔަވާ ކުދިންނަށް ޖުލައި 20 ގައި ކިޔަން ފަށާ އިރު ގްރޭޑް 3، 4، 6، 7، 8 އަދި 9 ގެ ދަރިވަރުންގެ ކިޔެވުން ފަށާނީ ޖުލައި 27 ގަ އެވެ. ކިޔަވަން ފަށާނީ ހުރިހާ ކްލާސްތަކެއް ވެސް ޑިސްއިންފެކްޓް ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

ގްރޭޑް 1 އަދި 2 ގެ ދަރިވަރުންގެ ކިޔެވުން ފަށާނެ ދުވަހެއް އަދި ހަމަޖައްސައިފައެއް ނުވެ އެވެ.

މި އަހަރުގެ ޖީސީއީ އެޑްވާންސްޑް ލެވެލް އިމްތިހާން ސެޕްޓެމްބަރު މަހު 7 ގައި ފަށައި އޮކްޓޯބަރު 2 ގައި ނިންމަން ހަމަޖައްސާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޑުލަސް އަލަހައްޕެރުމާ ވިދާޅުވި އެވެ. ގްރޭޑް 5 ގެ ސްކޮލާޝިޕް އިމްތިހާނު ބޭއްވުމަށް ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު 13 ގަ އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ލަންކާގެ ސްކޫލްތައް ބަންދުކުރީ މާޗް މަހު މެދުތެރޭގަ އެވެ.

ލަންކާ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 1,859 މީހުންނެވެ. ކޮވިޑް-19 ގައި 11 މީހުން ލަންކާ އިން މަރުވެފައިވާ އިރު 1،057 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ލަންކާ އިން އިއްޔެ ޕޮޒިޓިވްވެފައި ވަނީ ދެ މީހުންނެވެ.