10 ޖޫން 2020 - 08:34

ވޮޝިންޓަން (ޖޫން 10) - ޗައިނާގެ ވޫހާން ސިޓީގައި ކޮރޯނާވައިރަސް ފެތުރެން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަމަށް ބެލެވޭ ކަމަށް އެމެރިކާގައި ހެދި އާ ދިރާސާއަކުން ދައްކައިފި އެވެ.
ހާވަޑް މެޑިކަލް ސްކޫލް އިން މި ދިރާސާ ހަދާފައި ވަނީ ވޫހާންގެ ހޮސްޕިޓަލްތަކުގެ ޓްރެފިކުގެ ސެޓެލައިޓް ފޮޓޯތަކަށާއި ވައިރަހާ ގުޅޭ މައުލޫމާތު ހޯދުމަށް ސާޖް އިންޖީންތަކުގެ ޓްރެންޑް އަށް ބަލައިގެންނެވެ.
"ވޫހާންގައި ހޮސްޕިޓަލްގެ ޓްރެފިކާއި ބައްޔާ ބެހޭ އަލާމާތްތައް ހޯދުމަށް ސާޖްކޮށްފައިވާ މިންވަރަށް ބަލާއިރު ސާސް-ކޯވް-2 ފެށިފައި ވަނީ ޑިސެމްބަރު 2019 އަށް ވުރެ ކުރިން،" ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ.
ވޫހާންގައި ގޮތް ނޭނގޭ ވައިރަހެއް ފެތުރޭކަން ދުނިޔޭގެ ސިއްލހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ޗައިނާ އިން އަންގާފައި ވަނީ ޑިސެމްބަރު 31، 2019 ގަ އެވެ.
ރިސާޗަރުން ވަނީ ވޫހާންގެ ހަ ހޮސްޕިޓަލެއްގެ ޕާކިންގެ ވެހިލަތަކުގެ ސެޓެލައިޓް ފޮޓޯތައް ދިރާސާކޮށްފަ އެވެ. އޭގެ ތެރޭން ފަސް ހޮސްޕިޓަލެއްގައި ވަނީ ސެޕްޓެމްބަރާއި އޮކްޓޯބަރު މަހު ކޮންމެ ދުވަހެއްގައި ޕާކިން ވޮލިއުމް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ އިތުރުން ޗައިނާގެ ސާޗް އިންޖީން "ބައިދޫ" އިން ވަނީ ކޮރޯނާވައިރަހާ ގުޅޭ އަލާމަތްތައް ކަމަށްވާ ބޭރަށް ހިންގުމާއި ކެއްސުމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ސާޖްކޮށްފަ އެވެ. ނަމަވެސް ވޫހާންގައި ހޮސްޕިޓަލްގެ ޓްރެފިކުގެ އަދަދާއި ސާޗް އިންޖީނުގެ ވޮލިއުމް އިތުރުވެފައި ވަނީ ސީދާ ވައިރަހާ ގުޅިގެން ކަމަށް ސީދާ ބުނަން ނޭގުނު ނަމަވެސް ވައިރަސް ފެތުރިފައި ވަނީ ސީފުޑް މާކެޓުން ވައިރަސް ފެތުރުމުގެ ކުރިންކަން އެނގޭ ހެކި ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އުފަންވި ތަނަކާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ގިނަ ރިސާޗަރުން ބުނަނީ އެއީ ވޫހާންގެ ހުނާން ސީފުޑް ހޯލްސޭލް މާކެޓުން އުފެދުނު އެއްޗެއް ކަމަށެވެ. އެކަމަކު އެމެރިކާ އިން ބުނަނީ އެއީ ވޫހާންގެ ލެބަކުން ދޫވެގެން އުޅޭ ވައިރަހެއް ކަމަށެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ހަދާފައިވާ ތަހުގީގީ ރިޕޯޓަކުން ވެސް ދައްކާފައިވާ ގޮތުގައި ވައިރަހާ ގުޅޭ މައުލޫމާތު ޗައިނާ އިން ވަނީ އެތައް ދުވަހެއް ވަންދެން ސިއްރުކޮށްފަ އެވެ.
ކޮރޯނާވައިރަހަށް މުޅި ދުނިޔޭން މިހާތަނަށް 7,279,933 މީހުން ޕޮޒިޓިވްވެ 412,052 މީހުން ވަނީ މަރުވެފަ އެވެ.