މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށް ނޯޓު7 އެރުވުން ވެސް މަނާކޮށްފި
މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށް ނޯޓު7 އެރުވުން ވެސް މަނާކޮށްފި

ސެމްސަންގް އިން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓު 7 ގެ ފޯނު މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގައި ބޭނުން ކުރުން މީގެ ކުރިން މަނާކޮށްފައި އޮތުމަށް ފަހު އެ ފޯން ބޯޓުފަހަރަށް އެރުވުން ވެސް މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ ހެޑް އޮފް އެޑްމިން އަލީ ނަޝާތު "މިހާރު" އަށް ވިދާޅުވީ ގެލެކްސީ ނޯޓު 7 ގެ ފޯނު އެ ކުންފުނީގެ އެއްވެސް ބޯޓަކަށް ނާރުވާނެ ކަމަށެވެ. އަދި އެކަމަށް އާއްމުން ހޭލުންތެރިކުރުމަށް ޓްރެވަލް އެޑްވައިޒަރީއެއް ވެސް އާއްމުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓިކެޓް ވިއްކާއިރު ވެސް ޕެސެންޖަރުންނަށް އެ މައުލޫމާތު ދޭނެ. އޮންލައިންކޮށް ޓިކެޓް ގަންނަ ފަރާތްތަކަށް ވެސް އެކަން އަންގާނެ. އަދި ޗެކިން ކައުންޓަރުތަކުން ވެސް އެކަން ކަސްޓަމަރަށް އަންގާނެ،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައިވާ ގޮތުން ލަގެޖުގެ ގޮތުގައި ދޫކޮށްލާ ފޮށްޓަށާއި ކާގޯ އަށް އެ ފޯނެއް ނުލެވޭނެ އެވެ. އޭގެ އިތުރުން ކެބިން ބޭގަށް ވެސް އެ ފޯނު ނުލެވޭނެ ކަމަށް އަންގާފައިވެ އެވެ.

އެ ކުންފުނިން ބުނީ އެންމެ ބޮޑު އިސްކަމެއް ދެނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.

އެ ކުންފުނިން ވަނީ، ނޯޓު 7 ހަލާކުވެ، ހޫނުވެ އަދި ދުން އަރަން ފެށުމުގެ މައްސަލަ ދިމާވާން ފެށުމުން މިދިޔަ ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން މަތިންދާބޯޓުގައި ބޭނުންކުރުން މަނާކޮށްފަ އެވެ.

ގެލަކްސީ ނޯޓް 7 މާކެޓަށް ހަމަ ނެރުނު ތަނުން ބައެއް ފޯނުތަކުގައި ހުޅުހިފައި ދިމާވި މައްސަލައިގައި ވަނީ ނުރައްކާތެރި ހާދިސާތަކެއް މެދުވެރިވެފަ އެވެ. ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ ސަބަބުން ބައެއް މީހުން ފިހި އަލިފާނުގެ ހާދިސާތައް ވެސް ހިނގި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެހެންވެ، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖެންސީން ވަނީ މަތިންދާބޯޓުތަކުގައި އެ ވައްތަރުގެ ފޯނު ބޭނުން ނުކުރަން އަންގައިފަ އެވެ. އެ އެންގުމާ ގުޅިގެން، ސިންގަޕޯ އެއާލައިންސް އާއި އެހެން ބައެއް އެއާލައިންތައް ހިމެނޭ ގޮތަށް ދުނިޔޭގެ ވަރަށް ގިނަ އެއާލައިންތަކުން ވަނީ ބޯޓުތަކުގައި އެ ފޯނު ބޯޓަށް އެރުވުން މަނާކޮށްފަ އެވެ.

‏‎ސެމްސަންގުން ވަނީ ފޯނުގެ ބެޓެރި އަށް އެ މައްސަލަ ދިމާވި ހިސާބުން ފޯނުތައް އަނބުރާ ހަވާލުކުރަން އަންގައިފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުން އެ ކުންފުނިން ވަނީ ނޯޓު 7 އުފެެއްދުން ވެސް ހުއްޓާލައިފަ އެވެ.