އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

"ﷲގެ ވާގިފުޅާއެކު ހުމޭރު ސަލާމަތްކޮށްދޭނަން." އިސްމާއިލް އެހެން ބުނިއިރު އެއީ ކިހާ ވަރެއްގެ ކަމެއްކަން އިސްމާއިލަށް އެނގޭ ކަހަލައެވެ.

ލަންކާއަށް ދިޔުމަށް އިސްމާއިލް ދަތުރު ފެށިއެވެ. ހީވީ، ވިދާލި ވިދުވަރެއްހެންނެވެ. ދިޔަ ގޮތަށް ގޮސް ފައްޅި ދޮރުމައްޗަށް ތިރިކޮށްލިއެވެ. އެ ތާކު އިންސާނުންނެއް ނޫޅެއެވެ. ދިރުމެއް ނެތެވެ. ވަށައިގެންވަނީ އަނދިރިކަމާއި ނާމާންކަމެވެ. ހިރަފުހާއި މަކުނުވާބުރައިފައިވާ ބޮޑު ބުދެއް އެ ތަނުގައި ހުއްޓެވެ. ވަރަށް ނުބައި ވަހެއް ދުވިއެވެ. އެއީ، ކުރަތްޕާއި މީދަލުގެ ބާޒާރެއް ކަހަލައެވެ. އެތަކެއް ސަތޭކަ ޝައިތާނުން އެ ވަގުތު އަޅުކަމުގައި ބައިވެރިވެގެން ތިއްބެވެ. އެ އެއްޗެހީގެ ގައިގައި ހުންނަނީ ފެހިކުލައެއްގެ ހުޅުގަނޑެކެވެ. ހީވަނީ "ހަންގަނޑުގައި" ވިހަތަކެއް ހުންނަހެންނެވެ. ދޭތެރެއަކުން ދަނބުކުލައެއް އަރައެވެ. ފެހިކުލައެއް ވެސް އަރައެވެ. ބަލައިލީމަ އަހަރެންގެ މޫނުމައްޗަށް އެނބުރުން އަރާ ކަހަލަ ގޮތެއް ވިއެވެ. އިރުކޮޅަކު ބޭރުގައި ހުރުމަށް ފަހު، ފައްޅީގެ އެތެރެއަށް އިސްމާއިލް ބޯދިއްކޮށްލިއެވެ. ޝައިތާނަކަށް އިސްމާއިލް ފެނުނެވެ. ފެނުމާއެކު އޮލަ ވިހަގަނޑެއް ދޫކޮށްލިއެވެ. އެއީ، ދުޝްމަނުންނަށް ހަމަލަދިނުމަށްޓަކައި ޝައިތާނުން ބޭނުން ކުރާ ހަތިޔާރެކެވެ. އެ ހަތިޔާރުގެ ނުރައްކާތެރިކަން އަހަންނަށް އެނގުނީ އިސްމާއިލް ދެން ކައްތައްކުރި ގޮތުންނެވެ. އިސްމާއިލް ފުންމައިގަތީ ކަނޑާ ދިމާއަށެވެ. ލަންކާއިން ބޭރަށެވެ. އެއީ ރާއްޖެ އާއި ލަންކާއާ ދެމެދުގައި އޮތް ކަނޑެކެވެ. އެތަކެއް މޭލެއްގެ ދުރަށް ދަތުރުކުރުމަށްޓަކައި އިސްމާއިލް ކުރީ ކުޑަކުޑަ ހަރަކާތެކެވެ. އެ ވަރުން ވެސް އިސްމާއިލް ގައިން ބައެއް ފިހުނެވެ. އެ ތަންތަން ރަނގަޅުކުރީ އިސްމާއިލް ގެންގުޅުނު ފެނެއްޖަހައިގެންނެވެ. ސިހުރުވެރިޔާއާ ހަމައަށް ދިޔުމަކީ، ހީކުރި ވަރަށް ވުރެ ވެސް އުނދަގޫކަމަކަށް ވިއެވެ.

ހާދީ އިސްލާމްކުރި ޖިންނީންގެ އަދަދު ގިނަކަމުން ގުނަން ފަސޭހައެއް ނޫނެވެ. ކޮންމެ ޖިންނިއެއްމެ އަހަންނަށް ޝުކުރުއަދާ ކުރިއެވެ. އަހަރެންގެ ސަބަބުން އެ ޖިންނީންނަށް ތެދު މަގު ފެނުނީމައެވެ. ބަދަލުގައި އަހަރެންނަށް އެހީވެދޭން އެ އެންމެން ތިބީ ތައްޔާރަށެވެ. އަހަރެން މިސްކިތަށް ދާއިރު މިސްކިތުގެ ހަތަރު ކަނުގައި ހަތަރު ޖިންނި ތިބެއެވެ. އަހަރެން މިސްކިތަށް ވަނުމުން ވަސްވާސް ދޭން ޝައިތާނާ މަސައްކަތް ކުރިއެވެ. ރަކުޢަތް އޮޅުވުމާއި، ނަމާދަށް ހުންނައިރު އެހެން ކަންތައްތައް ހަނދާންކޮށްދޭން ވެސް މަސައްކަތް ކުރިއެވެ. އިމާމްމީހާ ގާތަށް ދިޔުމަށް ވެސް ޝައިތާނުންގެ ބަޔަކު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، ސަފުތައް ހަދައިފައި ހުރިލެއް ވަރުގަދަކަމާއި ފުރިހަމަކަމުން، ސަފު ފޫއަޅުވާލާނެ ތަންކޮޅެއް އެ ސޮރުމެންނަކަށް ނުފެނުނެވެ. އެހެން އުޅެނިކޮށް، މިސްކިތުގެ ގުއްބާދިމާއިން މަތިން ކޮންމެވެސް އެއްޗެއް ފޭބިއެވެ. އެ ފޭބި އެއްޗެއްގެ އަތުގައި ބޮޑު ޗާބޫކެއް އޮތެވެ. ވަކި ހިސާބަކަށް ފައިބައިފައި ޗާބޫކު ހޫރައިލި ގޮތަކުން، އެ ތަނުގައި ތިބި ހުރިހާ ޝައިތާނުން އެއްފަހަރާ ކުނޑިކުނޑިވެގެން ވަޔަށް ބުރައިގެންދިޔައެވެ. ބަޔަކު އެ ވާހަކަ ގަބޫލުކުރިޔަސް ނުކުރިޔަސް ކަން ހިނގީ އެހެންނެވެ. އަހަރެންގެ ހިމާޔަތުގައި އަންނަ ޖިންނީންގެ ތެރެއިން އެއްބަޔަކު އަންނަނީ އުދުހިފައެވެ. އަނެއް ބަޔަކު ހިނގާފައެވެ. ހިނގައިފައި އަންނަ ޖިންނީންގެ ފައި ބިންމަތީގައި ޖެހޭކަމެއް ނުވަތަ ނުޖެހޭކަމެއް ނޭނގެއެވެ. ޖިންނީންގެ ގައިން އަރައިފައި ހުންނަ އަލިގަނޑު ގަދަކަމުން އެ ހިސާބެއް ނުވެސް ފެނެއެވެ. އެ ޖިންނީން ގިނަ ވަގުތު ތިބެނީ އަހަރެންގެ ގާތުގައި އިށީނދެލައިގެންނެވެ. އެއީ މުއުމިން މާރިދުންގެ ވައްތަރެކެވެ. އެ ބާރުތައް ލިބެނީ، ވަކި ޝަރުތުތަކެއް ހަމަވުމުންނެވެ. އެ ޖިންނީންގެ ޒިންމާއަކީ މުސްލިމުން ރައްކާތެރިކޮށްދިނުމެވެ.

ޖިންނީންނަށް ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްދޭން ފެށުނެވެ. އިންސާނުން ފަދަ ތޫނުފިލި މަޚްލޫޤުން ޖިންނީންގެ ތެރޭގައި އުޅެއެވެ. ތަމްރީނު ކުރުމުގެ މަސައްކަތް ކުރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފަތިހު އަލިވިލިނު ތަނާ ވަރަށް ބައިވަރު މީހުންތަކެއް އަންނަ ތަން ފެނުނެވެ. ސާފު، ހުދު ފޭރާމާ އެއްވަރުގެ ހުދު އަސްތަކަކަށް ސަވާރުވެގެންނެވެ. އެއީ، އެހާ ތަނަށް އަހަރެން ދުށް އެންމެ ރީތި މީހުންނެވެ. ކޮންމެ މީހެއް އަތުގައި ބޮޑު ދުނިދަނޑިއަކާއި ތޫނު ދުނިތަކެއް ހުއްޓެވެ. އެ މީހުން އައިސް ބައްދަލުކުރީ އިސްމައިލާއެވެ. ވާހަކަދެއްކީ ވެސް އިސްމައިލާއެވެ.

"އަހަރުމެން މިއައީ މަދީނާއިން،" އިސްކޮށް ހުރި ސަވިއްޔު ބަރު އަޑަކުން ވާހަކަދެއްކިއެވެ. "މި އައީ ﷲ ގެ މަގުގަ ހަނގުރާމަ ކުރާ މީހުންނަށް ވާގިދޭން. މިއަދު ހަނގުރާމަ ފަށާނީ މެންދުރު ނަމާދަށް ފަހުގަ. އަހަރުމެންގެ މުޅި ލަޝްކަރު ބައިވެރިވާނެ. އަރިޔަސިރީ އުނދަގޫ ޖެހިފަ ތިބި އެތައް މުއުމިނުންނެއް އެބަތިބި. އޭނަގެ ސިހުރު އެބަހުރި މި ރާއްޖޭގަ ވެސް. އެހެންވެ، އޭނަޔާ ދެކޮޅަށް ތެދުވަން ބޭނުންވާ ހުރިހާ އެންމެން އަންނާނެ. ﷲ އިރާދަފުޅުކުރެއްވިއްޔާ ނަސްރު ލިބޭނީ އަހަރުމެންނަށް."

އައިސްފައި ތިބި މީހުންގެ އަދަދެއް އަހަންނަކަށް ނޭނގެއެވެ. ފެންނަނީ ވިދާބަބުޅާ އަލިގަނޑެކެވެ. އަހަރުމެން ތިބީ ހުޅުމާލޭގައެވެ.

"ކިހާ ބަޔަކު އެބަތިބި؟" އިސްމާއިލް އެ ލަޝްކަރަށް ބަލައިލަމުން ސުވާލުކުރިއެވެ.

"ލަޝްކަރުގެ މެދުތެރެ އެ އޮތީ ފެންނަން،" އެ ދިމާއަށް އިޝާރާތް ކޮށްލަމުން ސަވިއްޔު ބުންޏެވެ. "އޭގެ އެއްކޮޅު މާލެއަށް ވުރެ ދުރަށް އެބަ އޮތް. އަރިޔަސިރީގެ ލަޝްކަރު ވެސް އެބަ ތައްޔާރުވޭ. ދަންނާތި އެ ކަން."

ލަޝްކަރުގެ އެންމެ އެކުވެގެން ތައްޔާރުކުރީ ވަރަށް ބޮޑެތި ފެންހަންތަކެކެވެ. ކޮންކަހަލަ ފެނެއްކަމެއް ނޭނގެއެވެ. އެ ހަންތަކުގެ އެތެރެ ވެސް ފެނެއެވެ. އެ ކަމުގައި އެންމެން އުޅުނު ގޮތުން، އެ އެއްޗަކީ ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއްކަން އެނގުނެވެ. މެންދުރުނަމާދު ވަގުތު ޖެހުމުން ޖަމާޢަތަށް ސަފުތައް ރުކުރުވައިލިއެވެ. ނަމާދު ކުރީ އެ ތަނުގައި ތިބެގެންނެވެ. އިމާމުކަން ކުރީ ހުސެއިންނެވެ. ލަޝްކަރުގެ އިސް ކޮމާންޑަރެވެ. އަޑުހަރުކޮށް ހުސެއިން ބަންގި ގޮވައިލިއެވެ. އޭނަގެ އަޑުން ބިންގަނޑަށް ލޮޅުންއަރައިގެންދިޔައެވެ. އެއީ، އަމިއްލަ ލޮލަށް ފެނުމުން ނޫނީ ގަބޫލުކުރަން އުނދަގޫ މަންޒަރެކެވެ. ނަމާދަށް ފަހު ނަސްރު ދެއްވުމަށް އެދި ދުޢާ ކުރިއެވެ. ޔަގީނުން ވެސް ދިހަ މިނެއްޓު ވާންދެން އިސްމާއިލް ސަޖިދައިގައި އޮތެވެ. އެހާ ގިނަ ބަޔަކު، އެހާ ވަރުގަދައަށް ތައްޔާރުވާނީ ދުޝްމިނުން ކިހާ ވަރުގަދަވީމަ ހެއްޔެވެ؟ އަހަރެންގެ ހިތުގައި އެ ސުވާލު އުފެދުނެވެ. އެންމެ އިންސާނަކު ވެސް އެ ލަޝްކަރަކު ނެތެވެ. މުޅީން ވެސް ފެންނަނީ އާދަޔާޚިލާފު ބާރުތައް ލިބިފައިވާ މަޚްލޫޤުންތަކެކެވެ.

ހަނގުރާމައިގެ ވަގުތު ޖެހުނެވެ. އެންމެން މިސްރާބުޖެހީ ރާއްޖެ އާއި ލަންކާއާ ދެމެދުގައި އޮންނަ ލަކްޝަދީޕު ކަނޑަކަށެވެ. އޭރު އެ ތަނުގައި ޝައިތާނުންގެ ފައުޖު ތިބީ ތައްޔާރުވެގެންނެވެ. ސަފުގެ އެންމެ ކުރިއަށް ތިބީ އިސްކޮޅު ކުރު މަޚްލޫޤުތަކެކެވެ. އަދަދު ގިނަކަމުން ހީވަނީ އުތުރިއަރާހެންނެވެ. އެ ލަޝްކަރުގައި ޖަނަވާރުތަކެއް ވެސް ހިމެނެއެވެ. ހީވަނީ އެތްތަކެއްހެންނެވެ. އެހެންނަމަވެސް، ކެހެރިތައް ވަރަށް ދިގެވެ. މުޅި ހަށިގަނޑު ހުރީ ނަޖިސް ކަހަލަ އެއްޗެއް ހާކައިފައި ހުންނަހެންނެވެ. ގައިގައި ހުޅު ރޯވެފައި ހުންނަ އެއްޗެހިތަކަކާއި، ފެހިކުލައަކަށް ދާ ކުލައެއްގެ އެއްޗެހިތަކެއް ވެސް ތިއްބެވެ. ވަރަށް ކުދިކުދި އެއްޗެހިތަކެއް ވެސް ދުށީމެވެ. އެ އެއްޗެހިތައް އުޅެނީ ފުންމަފުންމައިފައެވެ. އިސްލާމުންގެ ލަޝްކަރު ވަރަށް ތަރުތީބެވެ. ސާފުތާހިރެވެ. މުޅި ލަސްކަރު ފެންނަނީ ހުދު ކުލައިގެ ދޫލައެއްހެންނެވެ. މުޅި ލަޝްކަރުގެ ވެރިއަކަށް އިސްކޮށްފައި ހުރީ މޫސަ އިބްނި ޤާސިމެވެ.

ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން އިސްމާއިލް ދިޔައީ ފައްޅި ސުންނާފަތި ކުރާށެވެ. ލަޝްކަރު ދެންތިބި އެންމެން އައިސް ޝައިތާނުންގެ ލަޝްކަރު ވަށައިލިއެވެ. މެދުތެރޭގައި ޝައިތާނުން ބަންދުކޮށްލިއެވެ. ދެން ފެނުނީ ވިދާލި ވިދުވަރެކެވެ. ޙަޤީޤަތުގައި އެއީ އަސްތަކުގައި އައި އަސްވާރުންނެވެ. ހުޅަނގަށާއި އިރަށް، އުތުރަށާއި ދެކުނަށް އެ ލަޝްކަރު ފެތުރިގެން ދިޔައީ، އިންސާނެއްގެ ލޮލަށް އެ މަންޒަރު ފެންނަ ވަރަށް ވުރެ މާ އަވަހަށެވެ. ޝައިތާނުން ކޮށި، ވިއްސިވިހާލިވެގެންދިޔައެވެ. ކުޅަދާނަ ކެއްކުންތެރިއަކު ކޮށާލާ ފިޔައެއް ފަދައިންނެވެ. އަހަންނަށް ސިފަވީ އެހެންނެވެ. އެ ދަނޑިވަޅުގައި އެ ތަނަށް އައީ ހުދު ކުލައިގެ ބޮޑެތި ދޫނިތަކެކެވެ. ހީވަނީ ބާޒުތަކެއްހެންނެވެ. ކަންފަތަށް ނުކުޅަދާނަވާހާ ތޫލި އަޑަކުން ގޮވާ އެ ދޫނިތައް އަންނަނީ ފެންރޮނގުތަކެއް ހިފައިގެންނެވެ. އައިސް އެ ފެންރޮނގުތައް އޮއްސައިލައެވެ. ފެން ޖެހޭ ޝައިތާނުން ވަގުތުން އަޅިއަށް ވެއެވެ.

"ފައްޅިއާ ހަމައަށް ދެވިއްޖެ!" އިސްމާއިލް ޚަބަރުދިނެވެ. "މި އުޅެނީ ފައްޅީގެ ދޮރު ވައްޓާނުލެވިގެން. ހުރިހާ ފާރުތަކަކަށް ހުރީ ސިހުރުލައިފަ."

ހާދީ އެދުނީ ފޮށިގަނޑެއް ގެނައުމަށެވެ. ފޮށިގަނޑު ގެނައުމުން ހާދީ ކިޔަވައިފައި އެ ފޮށިގަނޑަށް ފެންޖެހިއެވެ. އެއާއެކު ސިހުރު ލާފައި ހުރި ފާރުތައް ރެނދުއަޅައި، ފުނޑުފުނޑުވެގެން ފޭބިއެވެ. އިސްމާއިލްގެ ލަޝްކަރަށް އެ ތަނަށް ވަދެވުނެވެ. ފައްޅިތެރޭގައި ވަރަށް ގިނަ ބުދު ހުއްޓެވެ. އެކި ސައިޒުގެ، އެކި ސިފަސިފައިގެ ބުދެވެ. ކޮޅަށްތިބޭ ބުދުތަކާއި، އިށީނދެގެން ނުވަތަ އޮށޯވެގެން ތިބޭ ބުދެވެ. ބުދުދީނުގެ މީހުން އަޅުކަންކުރާ "ކާލީމާ" އަހަންނަށް ފާހަގަކުރެވުނެވެ. ޝައިތާނުން ތިބީ ބުދުތަކުގެ އެތެރޭގަ ފިލައެވެ. ބޭރަށް ނުކުންނަނީ ބުދު ފުނޑުފުނޑުކޮށްލީމައެވެ. އެއީ، އިސްކޮޅުން ދިގު، ރަތް ލޯތަކެއް ވެރިބައެކެވެ. ކަންފަތް ބޮޑެތިވެފައި، ސިފަ ހުތުރެވެ. ދަތް ތޫނުވެފައި ގިނައެވެ. އަތްފައިގެ ވަކިތައް ދިގެވެ. ކަޅު ކުލައިގެ ހަށިގަނޑުން ހުންނަނީ އާވި ޒާތުގެ އެއްޗެއް ނުކުމެނުކުމެއެވެ. އެކި އެއްޗެހީގެ ބޮލުން ފަޅާފައިވާ ދަޅުތަކުގެ ދިގުމިނާއި، ވަށަމިނާއި، ގުދުމިން ތަފާތެވެ. އިސްމާއިލްގެ އެކުވެރިން އުރައިން ކަނޑިތައް ދަމައިގަތެވެ. ހަނގުރާމަ ފެށިއެވެ. ސިހުރު ހަދާ ޝައިތާނުންގެ ތަނެއް ޒަޚަމުކޮށްލާއިރަށް އެ ތަނެއް ވަރަށް އަވަހަށް ފަސޭހަވެއެވެ. ގުނަވަނެއް ބުރިކޮށް ނިމޭތާ ކުޑަ އިރުކޮޅެއް ތެރޭގައި އަލުން ބެދެއެވެ. ސިހުރު ހެދުމުގައި އެ ޝައިތާނުންގެ ތެރެއިން އެއްބަޔަކު މެދުނުކެނޑި ދެމިތިއްބެވެ. ސިހުރުވެރިން ދިފާޢުކޮށް ހަނގުރާމަކުރަނީ ވަކި ބައެކެވެ. ކޮންމެ ޝައިތާނަކު މަރައިލުމަށްޓަކައި، ގާތްގާތުގައި ތިރީހަކަށް ކަނޑިއެތިފަހަރު ޖަހަން ޖެހެއެވެ. ތަނުގެ ބޮޑުބައި ސުންނާފަތި ކުރެވުނީ ގިނަ ވަގުތާއި ބުރަ މަސައްކަތް އެ ކަމަށް ހޭދަ ވެގެންނެވެ.

"ކޮބާ އަރިޔަސިރީގެ ސިހުރުވެރިޔާ؟" އިސްމާއިލްގެ އަޑުން މާޙައުލު ގުގުމައިލިއެވެ.

ނުނިމޭ