ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އަންގައިފި
ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އަންގައިފި

ނިއު ނޯމަލްގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުއްވި ސާކިއުލާގައި ބުނީ، ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދީފައިވެ އެވެ.

ސާކިއުލާގައި ބުނީ ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރި އެވެ.

"..ސްކޫލުތައް ހުޅުވާނެ ތާރީހެއް ކަނޑައަޅާނީ އެޗްޕީއޭ އިންނެވެ. ނަމަވެސް ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތައް، މި ސާކިއުލާއާ އެކު ހިމެނިފައިވާ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ގެންދެވުން އެދެމެވެ،" ސާކިއުލާގައިވެ އެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ގޫގުލް ކްލާސްރޫމް އަދި ޓެލިކިލާހުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސައި ދަރިވަރުންގެ ހާޒިރީ ބަލަން ވަނީ އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި މިދިޔަ މަހު ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވަނީ ނިއު ނޯމަލްގައި ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ނިއު ނޯމަލްގައި ކިޔަވައިދޭން ފެށުމުން ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތު މަދުވާނެ ކަމަށެވެ. ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ކަމަށް ވިދާޅުވި އެވެ.

"ނިއު ނޯމަލްގައި ކަން ކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މި ދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅިއަށް ވެސް ގެންދަން ޖެހޭ ތަން. ސްކޫލުގެ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. ކުދިން ފޭސް ޓު ފޭސްކޮށް މުދައްރިސާ ބައްދަލުކުރާނީ މަދު ވަގުތުކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ލެސަން ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރު ވިދާޅުވި އެވެ.