ރައްޔިތުން އެދޭ ބަދަލު ގެނެސް މިއީ ފުލުހުންގެ މުއައްސަސާ ރިފޯމްކުރަންވީ ވަގުތު: އިމްރާން
ރައްޔިތުން އެދޭ ބަދަލު ގެނެސް މިއީ ފުލުހުންގެ މުއައްސަސާ ރިފޯމްކުރަންވީ ވަގުތު: އިމްރާން

ރައްޔިތުން އެދޭ ބަދަލު ގެނެސް މިއީ ފުލުހުންގެ މުއައްސަސާ ރިފޯމްކުރަންވީ މުހިއްމު ވަގުތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް މިއަދު ބަހުސް ފެށުމާއެކު އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ބިލްގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށް ދިއުމަކީ އުފަލެއް ކަމަށެވެ.

އެ ބިލް، ގާނޫނަކަށްވާއިރު ފުލުހުންނާ ގުޅޭ ކަންކަން ފުރިހަމައަށް ތަރުތީބުކޮށް ސަރުކާރަށް ފުލުހުންގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ރައްޔިތުން އެދޭ ފަދަ ހިދުމަތް ދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރާ ކަމަށް ވެސް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވި އެވެ.

"މިއީ ރައްޔިތުން އެދޭ ބަދަލު، ފުލުހުންގެ މުއައްސަސާއަށް ގެނެސް ފުލުހުން ރިޕޯމްކުރަންވީ މުހިއްމު ވަގުތު،" ޓްވީޓުގައި ވެ އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވައިފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން، އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފަ އެވެ.

މެމްބަރުންގެ ބަހުސްގެ ތެރެއިން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން ކަމަށެވެ.

ރަޔަޓު ފުލުހުންނާއި ގޭންގުތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުން ވެސް މުހިއްމު ކަމާއި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ފުލުހުންގެ ގުޅުންތައް މެމްބަރުން ބެއްލެވުން ވަރަށް މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވާ ގޮތުން، ވަކިވަކި ފުލުހުންނަށް އަމުރުކުރުމުގެ ބާރެއް މިނިސްޓަރަށް ލިބިގެން ނުވެ އެވެ. އޭގެ އިތުރުން މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިހާރަށް ވުރެ ސާފުކޮށް ބަޔާންކުރުމާއި ޕޮލިސް ކޮމިޝަނާ އާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގެ އިޖްރާއާތު ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

ވަކިވަކި ފުލުހުންނަށް އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ނުލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވާއިރު، މިހާރު ފުލުހުންގެ ގާނޫނު އޮންނަ ގޮތުން ފުލުހުންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވަކިވަކި ފުލުހުންނާއި ހުރިހާ ފުލުހުންގެ މައްޗަށް ވެސް އަމުރު ކުރުމުގެ ބާރު ހޯމް މިނިސްޓަރަށް އޮވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ބޭނުންކުރީ ސިޔާސީ މަގުސަދުތައް ހާސިލްކުރަން ކަމަށް ބުނެ އޭރު އެ މުއައްސަސާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެހެންވެ ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތަށް ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު އެއް ވައުދެވެ.