ޗައިނާ ސަރުކާރާ ދެކޮޅަށް ލަންކާގައި މުޒާހަރާ ނުކުރެވޭނެ: ކޯޓު
ޗައިނާ ސަރުކާރާ ދެކޮޅަށް ލަންކާގައި މުޒާހަރާ ނުކުރެވޭނެ: ކޯޓު

ކޮލަމްބޯ (ޖޫން 9) - ޗައިނާ ސަރުކާރާ ދެކޮޅަށް ކޮލަމްބޯގައި މި ހަފުތާގައި ބާއްވަން އުޅުނު މުޒާހަރާ ކޯޓުން ހުއްޓުވައިފި އެވެ.

ނޭޝަނަލް މޫވްމަންޓް ފޯ ކޮންޒިއުމާ ރައިޓްސް ޕްރޮޓެކްޝަން އިން މި މަހު 8، 9، 10 ނުވަތަ 11 ވަނަ ދުވަހުގެ ތެރޭން ކޮންމެވެސް އެއް ދުވަހަކު ޗައިނާ އެމްބަސީގެ ބޭރުގައި ބާއްވަން އުޅުނު މުޒާހަރާ ކޯޓުން ހުއްޓުވީ މުޒާހަރާ ހުއްޓުވުމުގެ ކޯޓު އަމުރަކަށް ފުލުހުން އެދުމުންނެވެ. މުޒާހަރާގެ ސަމާލުކަން ވަނީ ސިއްހީ އޮފިޝަލުންނަށް ވެސް ލިބިފަ އެވެ.

ނޭޝަނަލް މޫވްމަންޓް ފޯ ކޮންޒިއުމާ ރައިޓްސް ޕްރޮޓެކްޝަންގެ ޗެއާމަން ރަންޖީތު ވިތަނަގެ ވިދާޅުވީ މުޒާހަރާ ކުރަން ނިންމާފައި ވަނީ މާދަމާ ކަމަށެވެ. އަދި އެއީ ކޮރޯނާވައިރަހުގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުން ޗައިނާގެ ފަރާތުން ލަންކާ އަށް ދިނުމަށް އެދި ގޮވާލުމަށް ބާއްވަން އުޅުނު މުޒާހަރާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިތަނަގެ ވިދާޅުވީ ލަންކާގައި ކޮރޯނާވައިރަސް ފެތުރުނު ނަމަވެސް މުޒާހަރާ ކުރުމުގެ ހައްގު އެ މީހުންނަށް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ މުޒާހަރާއާ ބެހޭ މައުލޫމާތު ޕަބްލިކް ހެލްތު އޮފިޝަލުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށާއި މުޒާހަރާ ކުރާ އިރު މޮނިޓާ ކުރުމަށް ހެލްތު އިންސްޕެކްޓަރުންނަށް ދައުވަތު ވެސް ދީފައިވާ ކަމަށެވެ. އެކަމަކު މުޒާހަރާ ނުކުރުމަށް ކޯޓު އަމުރެއް މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.