18 އޮކްޓޯބަރ 2016 - 18:24

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައި ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖަކު އިއްޔެ މަރުވި މައްސަލަ އެ ތަނުގެ މުވައްޒަފެއްގެ އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނުމަށްފަހު، އެ މައްސަލައާ ގުޅިގެން ކޮމިޓީއެއް ޖެންޑާ މިނިސްޓްރީން މިއަދު އުފައްދައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ކޮމިޓީއެއް އުފެއްދީ މުސްތަގުބަލުގައި އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި، އެ މައްސަލަ ހިނގަން މެދުވެރި ސަބަބު ދެނެގަތުމަށްޓަކައި ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި އެ ކޮމިޓީގައި ހިމެނޭ މީހުންގެ ނަންތަކެއް ނެތެވެ. ނަމަވެސް އެ ކޮމިޓީގައި އެ މިނިސްޓްރީގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހާއި އައިޖީއެމްއެޗް، ޕީޖީ އޮފީސް، ޝީގެ ފަރާތުން މަންދޫބުން ހިމެނޭ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ އެ ކޮމިޓީން މައްސަލަ ބަލައި، އެ ހޯދުންތަކަށް ރިއާޔަތްކޮށް އެތަނުގެ ދަށުން ހިންގާ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަރުކަޒުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާ މަރުވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށް ވެސް ބުންޏެވެ.
"މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ކަން ހިނގާފައިވާ ގޮތެއް ބަލައި، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް މިމިނިސްޓްރީން އަޅާނެކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައި ބުންޏެވެ.
މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލާތީ، ވަރަށް ކުއްލި ގޮތަކަށެވެ.
އެ ބަޔާނުގައި ޖެންޑާ މިނިސްޓްރީން ވަނީ އެތަނުން ބަލަހައްޓަމުން އަންނަ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ހާއްސަ އެ މަރުކަޒު ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެތަން އިމާރާތްކުރީ ޔޫއޭއީގެ ވިޔަފާރިވެރިއެއްގެ ހަރަދުގަ އެވެ. އެ މަރުކަޒުގައި މިހާރު ވެސް 85 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ.