ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ" ނެޓްފްލިކްސް އަށް
ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ" ނެޓްފްލިކްސް އަށް

ކުރިން މިދިޔަ އެޕްރީލް މަހު ރިލީޒްކުރަން އޮތް ޖާންވީ ކަޕޫރްގެ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރަން ނިންމިކަން އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ޓްވިޓާގައި ވެސް ބުނެފަ އެވެ. އޭނާގެ ޓްވީޓްގައި ވަނީ ވަރަށް އަވަހަށް ނެޓްފްލިކްސް އަށް ފިލްމު އަންނާނެ ކަމަށް ބުނެފަ އެވެ.

އެޕްރީލް މަހުގެ 24 އަށް ތާވަލުކުރި ފިލްމު "ގުންޖަން ސަކްސޭނާ" އަކީ ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގައި ކިޔައިދޭނީ އިންޑިއާގެ އަސްކަރިއްޔާގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަންގެ ވާހަކަ އެވެ. އެގޮތުން 1999 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައިގައި އަސްކަރީ އޮފިސަރުން ހެލިކޮޕްޓަރެއްގައި އުފުލަން ގުންޖަން ކުރި މަސައްކަތް ފިލްމުގައި ދައްކުވައިދޭނެ އެވެ.

ޖާންވީ ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައިވާ އިރު، "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ކާސްޓުންގެ ތެރޭގައި އަންގަދު ބޭދީ އާއި ޕަންކަޖް ތުރިޕަތީ އާއި ވިނީތު ކުމާރު ސިންގް އަދި މާނަވް ވިޖް ވެސް ހިމެނެ އެވެ.

މި ފިލްމަކީ ސިނަމާތަކުގެ ބަދަލުގައި ކަރަންގެ ދަރުމާ އިން ޑިޖިޓަލްކޮށް ރިލީޒްކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "ޑްރައިވް" އެވެ.

"ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް، ރިލީޒްކުރަން ނިންމީ ކޮވިޑް-19އާ ދިމާކޮށް އިންޑިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުނާ އެކު ސިނަމާތައް ބަންދުކުރެވި، އަލުން ހުޅުވޭނެ އިރެއް ވެސް ނޭނގޭތީ އެވެ. މިކަމާ ހެދި މި އަހަރު އަޅުވަން ހުރި ގިނަ ފިލްމުތަކެއް ފަސްކޮށްފައިވާ އިރު، ބައެއް ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އާއި ހަމަ އެ ޕްލެޓްފޯމުން ޕްރިމިއާކުރަން ނިންމާފައި ވިދިޔާ ބަލަންގެ "ޝަކުންތަލާ ދޭވީ" ހިމެނެ އެވެ. ނަމަވެސް ވިދިޔާގެ ފިލްމު ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އަކީ ނެޓްފްލިކްސް އިން ގެނެސްދޭ ޖާންވީގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ސްޓްރީމްކުރި އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ބޮލީވުޑަށް ނުކުތީ 2018 ގެ "ދަޅަކް" އިންނެވެ.