ޑަބްލިއުއެޗްއޯގެ އިންޒާރު: ވައިރަސްގެ ހާލަތު ދަނީ ގޯސްވަމުން
ޑަބްލިއުއެޗްއޯގެ އިންޒާރު: ވައިރަސްގެ ހާލަތު ދަނީ ގޯސްވަމުން

ޖެނީވާ (ޖޫން 9) - ކޮރޯނާވައިރަސްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއްޔެ އިންޒާރު ދީފި އެވެ.

އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހަކު ފުލުހުން މަރާލުމާ ގުޅިގެން މުޅި ދުނިޔޭގައި މިހާރު ފަށާފައިވާ މުޒާހަރާތަކާ ގުޅިގެން ވައިރަސް އިތުރަށް ފެތުރުމުގެ ބިރު ބޮޑު ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މަގުމައްޗަށް ނުކުތުމަށް ޑަބްލިއުއެޗްއޯ އިން އިލްތިމާސްކުރެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަހަށް މިހާތަނަށް ވަނީ 7,200,502 މީހުން ޕޮޒިޓިވްވެ 408,759 މީހުން މަރުވެފަ އެވެ. މިހާތަނަށް ރަނގަޅުވެފައި ވަނީ 3,537,605 މީހުންނެވެ.

އިރުމަތީ އޭޝިއާގައި ފުރަތަމަ ފެތުރެން ފެށި ވައިރަސް ޔޫރަޕާ ހަމައަށް ވާސިލުވެ ގިނަ ގައުމުތަކަކަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވި އެވެ. ނަމަވެސް ޔޫރަޕުން ވައިރަސް ކޮންޓްރޯލްކޮށްފައިވާ އިރު ހާލަތު މިހާރު ގޯސްވަމުން ދަނީ އެމެރިކާ ކޮންޓިނެންޓުގަ އެވެ.

"ޔޫރަޕުގައި ވައިރަސްގެ ހާލަތު ރަނގަޅުވަމުން އައި ނަމަަވެސް މުޅި ދުނިޔެ އަށް ބަލާއިރު ދަނީ ގޯސްވަމުން،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި އެވެ. "ވޭތުވެދިޔަ 10 ދުވަހުގެ ތެރޭން ނުވަ ދުވަހު ވަނީ 100،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައި. އިއްޔެ (އާދިއްތަ ދުވަހު) އެކަނި ވެސް 136،000 ކޭސް ރިޕޯޓްކުރި. މިއީ މިހާތަނަށް އެއް ދުވަހަކަށް ބަލާއިރު އެންމެ ބޮޑު އަދަދު."

ޓެޑްރޯސް ވިދާޅުވީ އާދިއްތަ ދުވަހު ރިޕޯޓްކުރި ކޭސްތަކުގެ 75 ޕަސެންޓަކީ 10 ގައުމަކުން ރިޕޯޓްކުރި ކޭސްތައް ކަމަށެވެ. ޚާއްސަކޮށް ދެކުނު އޭޝިއާ އާއި އެމެރިކާ ކޮންޓިނެންޓުގެ ގައުމުތަކެވެ. ދެކުނު އޭޝިއާ އިން އިންޑިއާ އާއި ޕާކިސްތާނުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ އިރު އެމެރިިކާ ކޮންޓިނެންޓުން އެންމެ ބާރަށް ބަލި ފެތުރެނީ އެމެރިކާ އާއި ބްރެޒިލްގަ އެވެ.

ޑަބްލިއުއެޗްއޯގެ މިހާރުގެ ކަންބޮޑުވުމަކީ ހާލަތު ރަނގަޅުވަމުން އަންނަ ގައުމުތަކުގައި ވެސް މުޒާހަރާ އަށް ނުކުންނަ މީހުންގެ ފަރާތުން ބަލި އިތުރަށް ފެތުރިދާނެތީ ކަމަށެވެ.

"ކޮރޯނާވައިރަހާ އެކު ހަ މަސް ދުވަސް ހޭދަކުރަން ޖެހުނު އިރު ވެސް އަދިވެސް މިއީ ފިޔޮޅު ޖޯޑުން ފައި ނަގަންވީ ވަގުތެއް ނޫން،" ޓެޑްރޯސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯ އިން މިހާތަނަށް ވަނީ 110 ގައުމަކަށް ފަސް މިލިއަނަށް ވުރެ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) ފޯރުކޮށްދީފައި ކަމަށެވެ. އަދި 126 ގައުމަކަށް 120 މިލިއަނަށް ވުރެ ގިނަ ޕީޕީއީ ފޮނުވުމަށް ޑަބްލިއުއެޗްއޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.