09 ޖޫން 2020 - 10:22

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުން ގިނަވެފައި، އެ މީހުންގެ ފަރާތުން ވެސް އެހެން މީހުންނަށް ބަލި ފެތުރެމުން ދިއުން ކަމަށް ބުނަމުން އައި ނަމަވެސް އެކަން އެހެން ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފި އެވެ.
"މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، ބަލީގެ އަލާމާތްތެއް ނެތް މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުން ނާދިރު،" ޖެނީވާގައި އިއްޔެ ބޭއްވި ޑަބްލިޔު.އެޗް.އޯގެ ޕްރެސް ބްރީފިންގައި އެ ޖަމިއްޔާ އިން ކޮވިޑް-19 ގެ ކަންކަމަށް ހާއްސަކޮށްފައިވާ ޓެކްނިކަލް ޓީމުގެ ވެރިޔާ މަރީއާ ވެން ކެކޯފް ވިދާޅުވި އެވެ.
އެޕިޑޮމިއޮލޮޖިސްޓެއް ކަމަށްވާ ވެން ކެކޯފް ވިދާޅުވީ ކޮވިޑް-19 ފެތުރޭ ގައުމުތަކުގެ ތެރެއިން، ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވިވި މީހުން ދެނެގަތުމަށް ވަރަށް ތަފްސީލުކޮށް ކޮންޓެކްޓް ޓްރޭސިން ހަދާ ގައުމުތަކުން ޑަބްލިޔު.އެޗް.އޯއާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
"އެ މީހުން ގެންދަނީ ބަލީގެ އަލާމާތް ނެތް ބަލި މީހުންނާއި އެ މީހުންނާ ކޮންޓެކްޓްވި މީހުން ދެގަންނަމުން. މިގޮތަށް ބަލާއިރު [އަލާމާތް ނެތް މީހުންގެ ފަރާތުން] ދެ ވަނަ މީހަކަށް ބަލި ޖެހޭކަމަކަށް ނުފެނޭ. މިގޮތަށް ބަލި ޖެހުން ވަރަށް ނާދިރު. މިކަމާ ބެހޭ ގިނަ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވޭ،" ވެން ކެކޯފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމުގައި ގައުމުތަކުން ޑަބްލިޔު.އެޗް.އޯއާ މައުލޫމާތު ހިއްސާކޮށް، މިހާރު ހުރި ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަކު ވިދާޅުވީ މިހާތަނަށް ހުރި މައުލޫމާތުން، ކޮވިޑް-19ގެ އަލާމާތް ނެތް މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުން ވަރަށް ނާދިރު ކަމަށެވެ.
މި ބަލި ފެތުރޭ ގޮތް އޮޅުންފިލުވައިދެއްވަމުން ވެން ކެކޯފް ވިދާޅުވީ، އެހެން މީހަކަށް ބަލި ޖެހެނީ އެ ބަލި ހުރި އެހެން މީހަކު ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ކުޅުތިކިތަކުން ކަމަށެވެ. އެހެންވެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް، ބަލި ޖެހި އެކަމަކު އަލާމާތްތައް ނެތް މީހުން އެކަހެރިކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވެން ކެކޯފް ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހި އެކަމަކު ބަލީގެ އަލާމާތް ނެތް ގިނަ މީހުންނަކީ ބަލީގައި ބޮޑުވަރު ނުވާ، ވަރަށް ކުޑަކޮށް ބަލިވާ މީހުން ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާނުން އެންމެ ފުރަތަމަ ފާހަގަވި ކޮވިޑް-19 އޭގެ ފަހުން މުޅި ދުނިޔެ އަށް ފެތުރި، ބަލި ކޮންޓްރޯލްކުރުމަށް މުޅި ދުނިޔެ ހުއްޓުމަކަށް ގެނައުމަށް ފަހު ގައުމުތަކުން މިހާރު އަންނަނީ ބޯޑަރުތައް ހުޅުވާލައި އާންމު ހާލަތަށް ރުޖޫއަވާން މަސައްކަތްކުރަމުންނެވެ. މިހާތަނަށް މުޅި ދުނިޔެ އިން ހަތް މިލިއަން ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު އޭގެ ތެރެއިން ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 3.2 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މި ވަގުތަށް ބަލާއިރު ބަލި ޖެހިފައި ތިބި މީހުންނަށް ވުރެ ގިނައީ ބަލިން ރަނގަޅުވެފައިވާ މީހުންނެވެ. އެއީ 3.5 މިލިއަނެވެ.