09 ޖޫން 2020 - 11:12

ކޮވިޑް-19ގެ ސަބަބުން ފަސްކުރި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެއެމް) ގެ އިންތިހާބީ ކޮންގްރެސް މި މަހު ބޭއްވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ފުރަތަމަ ބޭއްވުމަށް މަސައްކަތްކުރީ މާޗް 20 ވަނަ ދުވަހު އެވެ. އެކަމަކު ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ފަސްކުރީ އެވެ.
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކުގެ ފެހި ސިގްނަލް ލިބިފައިވާކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި އޮންނާނެ ކޮންގްރެސް. މި ޖޫން މަސް ތެރޭގައި ބޭއްވިގެންދާނެ. އެޗްޕީއޭ އާއި ސަރުކާރުގެ ހުއްދައާ އެކީގައި ނޫނީ އަޅުގަނޑުމެން މަސައްކަތް ކުރިއަށް ނުގެންދާނަން. މި ޖޫން މަހު ތެރޭގައި ބޭއްވުމުގެ ފެހި ސިގްނަލް ވަނީ ލިބިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިއުލާންކުރެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމުން އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިންން ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން ފެބްރުއަރީ މަހު އިއުލާނުކުރި އެވެ. އެ ގޮތަށް އެކަން ކުރީ ފެބްރުއަރީ ހަތަރެއްގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އަށް ރައީސް ބައްސާމް ހުށަހެޅުއްވުމުން އެ ކޮމިޓީން ރުހުން ދިން ދިނުމާ އެއްގޮތަށް އިންތިހާބު ބާއްވަން ނިންމީ އެވެ.
އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ބައްސާމް އެކަންޏެވެ. ބައްސާމަށް ރާއްޖޭގެ ބައެއް ކްލަބްތަކާއި ފުޓްބޯޅައިގެ ހަރަކާތްތެރިން ވަރަށް ބޮޑަށް ފާޑުކިޔައި އޭނާ އާއި އޭނާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މިދިޔަ އަހަރު މަސައްކަތްކޮށްފައިވާތީވެ ބެލެވިފައި އޮތީ އޭނާއާ އިދިކޮޅަށް ކެންޑިޑޭޓެއް ނުކުންނާނެ ކަމަށެވެ.
ބައްސާމް ވިދާޅުވީ އިދިކޮޅަށް ކެންޑިޑޭޓަކު ނުނިކުތީ އެކަމަށް ރަނގަޅަށް ތައްޔާރުވެވިފައި ނެތުމުން ކަމަށާއި މި އަހަރު އިންތިހާބު އޮންނާނެކަން ހުރިހާ ފަރާތަކަށް ވެސް އެނގޭނެ ކަމަށެވެ.
"ދުރާލާ ތައްޔާރުވުމަކީ އެ ބޭފުޅުންގެ ކަމެއް. އަޅުގަނޑު މި މަގާމަށް މީގެ ހަތަރު އަހަރުކުރިން ހޮވުވުމުން ފެށިގެން އަޅުގަނޑު މަސައްކަތްކުރަމުން މިދިޔައީ ކްލަބްތަކަށްވީ ވައުދާއި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި މަސައްކަތްކުރުމަށް. އަޅުގަނޑަށް އެނގޭ މި ކަންތައްތައް ކުރެވިއްޖެކަމަށްވިއްޔާ އޮޓޮމެޓިން އަޅުގަނޑަށް ފުރުސަތު އޮންނާނެކަން. އަޅުގަނޑު ދަންނަވާނީ ބަޔަކު ކުރިމަތިނުލީ މި އަށް އެ ބޭފުޅުން ތައްޔާރުނުވެ ތިބީމައޭ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ދައުރު ނިންމާލުމަށް ފަހު ދެން އޮންނަ އެފްއޭއެމް އިންތިހާބަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިހާރުން ފެށިގެން މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އަދި މި މަގާމުތަކަށް އަންނަން ބޭނުންވާ ބޭފުޅުންނަކީ ހަތަރު އަހަރުން އެއް އަހަރު ފެނުމުގެ ބަދަލުގައި އަބަދުވެސް ފުޓްބޯޅައިގައި މަސައްކަތްކުރާ ފަރާތްތަކަށް ވާން ޖެހޭނެކަމަށް ވިދާޅުވި އެވެ.
ފުރަތަމަ ޑިވިޝަނުން ބައްސާމަށް ތާއީދުކޮށްފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީންސްޓްރީޓް އަދި ކްލަބް އީގަލްސް އެވެ. ދެ ވަނަ ޑިވިޝަނުން ތާއީދުކުރީ ކްލަބް ވެލެންސިއާ އާއި ކްލަބް ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
އެފްއޭއެމްގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލާން ނިންމީ ކްލަބްތަކުން ވެސް އެގޮތަށް ބޭނުންވާތީ ކަމަށާއި އަދި އިންތިހާބުގައި ވާދަކުރަން ނިންމުމުގައި ދެ ފަރާތެއްގެ މަޝްވަރާ ހޯދި ކަމަށް ބައްސާމް ވިދާޅުވި އެވެ. އެއީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ބައްސާމްގެ ބައްޕަ އަދީލް ޖަލީލް ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓް، އެގްޒެކެޓިވް ކޮމިޓީގެ އެހެން މަގާމްތަކަށް މެމްބަރުން ނޮމިނޭޓްކުރާނީ އެވެ. އެހެންވެ ވޯޓަށް އަހާނީ ޓީމެއްގެ ގޮތުގަ އެވެ. އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހުށަހަޅުއްވާފައިވަނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރުގެ ނަމެވެ. ނައިބް ރައީސަކަށް ހުށަހެޅުއްވީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ.
އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހުށަހެޅުއްވީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއުގެ ނަމެވެ.
ފާއިތުވި ހަތަރު އަހަރު އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވިއިރު އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ ޑިވެލޮޕްމަންޓް މަސައްކަތްކަމަށާއި އޭގެ ތެރެއިން ވެސް ރަނގަޅު ކާމިޔާބީތަކެއް ލިބިގެންދިއުމަކީ ވަރަށް ބޮޑު ހިތްވަރެއްކަމަށް ބައްސާމް ވިދާޅުވި އެވެ. އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވިޔަސް "ލޮލަށް" ފެންނަ ވަރުގެ މަސައްކަތްތަކެއް އަދި ނެތް ކަމަށާއި އެހެން ވިޔަސް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ ޑިވެލޮޕްމަންޓް ވެސް ފެންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.