09 ޖޫން 2020 - 11:38

މެޑްރިޑް (ޖޫން 9) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދީން ޒިދާންގެ ދަރިފުޅު ގޯލްކީޕަރު ލޫކަ ޒިދާން ލައްވައި އަލްޖީރިއާ ގައުމީ ޓީމަށް ކުޅުވަން މަސައްކަތްކުރި ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް އަލްޖީރިއާ ގައުމީ ޓީމުގެ ކޯޗު ޖަމީލް ބެލްމާދީ ބުނެފި އެވެ.

ރެއާލްގެ ލޯން އެއްބަސްވުމެއްގެ ދަށުން ރޭސިން ސަންޓަންޑޭ އަށް ކުޅެމުން އަންނަ ލޫކަ ވަނީ އޭނާގެ ބައްޕަ ނިސްބަތްވާ ގައުމު ކަމަށްވާ ފްރާންސްގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ. އެކަމަކު އަލްޖީިރިއާ ދަރިފަސްކޮޅަކަށް ނިސްބަތްވާތީ ސީނިއާ ކެރިއަރު ކުރިއަށް ގެންދިއުމުގައި ލޫކަ ބޭނުންނަމަ އޭނާ އަށް އަލްޖީރިއާ ގައުމީ ޓީމު އިހުތިޔާރުކުރެވޭނެ އެވެ. ޒިދާން ވެސް ވަނީ އޭނާގެ އެއްވެސް ދަރިއަކު ވަކި ގައުމެއް ތަމްސީލްކުރަން މަޖުބޫރު ނުކުރާނެ ކަމަށް ބުނެފަ އެވެ.
އެފްރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާގެ ކޯޗު ބެލްމާދީ ބުނީ ލޫކައާ އެކު އަދި އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށެވެ.
"އަހަރެން މި ވާހަކަތައް ދޮގުކުރަން. އަހަރެން އަދި ޒިދާންގެ ދަރިފުޅާ (ލޫކަ) ވާހަކައެއް ނުދައްކަން. މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަހަރެން މި ފަދަ ކަމެއް ކުރުމުގެ ކުރިން ވިސްނަން ޖެހޭ އެތައް ކަމެއް ކުރަން ޖެހޭ އެތައް މަޝްވަރާއެއް ހުންނާނެ،" ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ބެލްމާދީ ބުންޏެވެ.
އުމުރުން 22 އަހަރުގެ ލޫކަ ވަނީ ޒިދާންގެ ކޯޗުކަމުގައި ރެއާލަށް މެޗެއް ކުޅެދީފަ އެވެ. އެއީ 2018 ވަނަ އަހަރު އެވެ. ރެއާލްގައި ފުރުސަތު ނުލިބޭތީ މިދިޔަ އަހަރު އޭނާ ވަނީ ރޭސިން އަށް ބަދަލުވެފަ އެވެ. ފްރާންސްގެ ސީނިއާ ގައުމީ ޓީމުން ފުރުސަތު ނުލިބޭނަމަ އަލްޖީރިއާ އަށް ކުޅުމުގެ ވިސްނުން ލޫކަ ގެންގުޅޭ ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ ފްރާންސް ގައުމީ ޓީމަށް ކުޅެފަ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ޒިދާންގެ އިތުރުން ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ އަދި މެންޗެސްޓާ ސިޓީ އާއި އާސެނަލަށް ކުރިން ކުޅުނު ސާމިރް ނަސްރީ އެވެ.
ފްރާންސްގައި ފުޓްބޯޅަ ކެރިއަރުގެ ބޮޑުބައި ހޭދަކުރި ނަމަވެސް ފްރާންސް ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލައި އަލްޖީރިއާ އަށް ވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި ސިޓީ އަށް ކުޅޭ ވިންގް ރިޔާދު މާރޭޒް އާއި ޔާސިން ބްރަހިމީ ހިމެނެ އެވެ.