18 އޮކްޓޯބަރ 2016 - 16:07

ނިއު ޔޯކް (އޮކްޓޯބަރު 18) - އަންނަ މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެފައިވާ އިރު ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕު ބަހުގެ ހަމަލާތައް ދެއްވުމުގައި އުޅުއްވާ އިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ކުރީގައި އުޅުއްވާ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފި އެވެ.

ހިލަރީ އަށް އަމާޒުކޮށް ޓްރަމްޕް އެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ ކެމްޕޭނުގެ ނަމުގައި ހިލަރީ ހިންގަވަނީ "ޖިނާއީ ކުށްކުރާ ކުންފުންޏެއް" ކަމަށެވެ. އަދި ހިލަރީ އަށް ތާއީދުކުރާ އެމެރިކާގެ މީޑިއާތަކުން ދަނީ ވޯޓުލާ މީހުންގެ ސިކުނޑިތައް ވިހަކޮށްލަން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވަނީ ހިލަރީ ގެންދަވަނީ ވޯޓު އޮޅުވާލާ މަކަރު ހަދަމުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އަމިއްލަ އީމެއިލް ބޭނުންކުރި މައްސަލާގައި ހިލަރީގެ މައްޗަށް ދައުވާކޮށް ޖަލަށްލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ވަނީ އެންމެ ފަހުގެ ތަގުރީރުތަކުގައި ވެސް ތަކުރާރު ކުރައްވައިފަ އެވެ.
ހިލަރީގެ ކެމްޕޭން މެނޭޖަރު ރޮބީ މޫކް ވިދާޅުވީ ޓްރަމްޕް އުޅުއްވަނީ އޭނާ ދައްކަވާފައިވާ ހުތުރު ވާހަކަތަކުގެ ސަބަބުން ވޯޓުލާން މީހުން މާޔޫސްވެފައިވާތީ އެކަމުގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލަން ކަމަށެވެ.
ނޮވެމްބަރު 8 ވަނަ ދުވަހު އޮންނަ އިންތިޚާބަށް ތިން ހަފުތާ އަށް ވެފައިވަނިކޮށް އެކި ފަރާތްތަކުން ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ކުރީގައި އުޅުއްވަނީ ހިލަރީ އެވެ. މޮންމައުތު ޔުނިވާސިޓީގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި ހިލަރީ އުޅުއްވަނީ 12 ޕޮއިންޓް ކުރީގަ އެވެ. ހިލަރީ އަށް 50 ޕަސެންޓް ލިބޭ އިރު ޓްރަމްޕަށް ލިބެނީ 38 ޕަސެންޓެވެ. ކުއިނިޕިއާކް ޔުނިވާސިޓީގެ ސާވޭއަކުން ދައްކާ ގޮތުގައި ސްވިންގް ސްޓޭޓްތައް ކަމަށްވާ ކޮލަރާޑޯ، ފްލޮރިޑާ އަދި ޕެންސިލްވޭނިއާގައި ހިލަރީ އުޅުއްވަނީ ކުރީގަ އެވެ. އަދި އޮހާޔޯގައި ހިލަރީ އާއި ޓްރަމްޕް އުޅުއްވަނީ ދާދި ހަމަހަމަކޮށެވެ. އެކަމަކު ސީއެންއެންގެ ޚިޔާލު ހޯދުމުން ދައްކާ ގޮތުގައި އޮހާޔޯގައި ޓްރަމްޕް އުޅުއްވަނީ ހަތަރު ޕޮއިންޓް ކުރީގަ އެވެ. އަދި ނޯތު ކެރޮލީނާ އާއި ނެވާޑާގައި ހިލަރީ ކުޑަ ތަންކޮޅެއް ކުރީގައި އުޅުއްވާ ކަމަށް ސީއެންއެންގެ ސާވޭ އިން ދައްކާފައިވެ އެވެ. މުހިންމު ސްޓޭޓްތަކުން ހިލަރީ ކުރި ހޯއްދަވާފައިވާތީ އޯވަރޯލްކޮށް އެކަމަނާ 6.4 ޕަސެންޓޭޖް ޕޮއިންޓް ކުރީގައި އުޅުއްވާ ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެ އެވެ.