12 ޖޫން 2020 - 23:27

އިންޑިއާ އަކީ މިހާރު ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު މުޅި ދުނިޔޭގެ ނިސްބަތުން ހަތަރު ވަނަ އަށް އެންމެ ގިނަ ގައުމެވެ. އެކަމަކު އެ ގައުމުގައި އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭ ކަމަކަށް ނުވަތަ ކޮމިއުނިޓީ ޓްރާންސްމިޝަން އޮތް ކަމަކަށް އެ ގައުމުން ގަބޫލެއް ނުކުރެ އެވެ. އެއީ ކިހިނެއްވާނެ ކަމެއްހެއްޔެވެ؟
"އިންޑިއާ އަކީ ވަރަށް ބޮޑު ގައުމެއް. އިންޑިއާގައި މި ބަލި ފެތުރެނީ ވަރަށް ކުޑަކޮށް،" އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާ ގޮތާ ބެހޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިންޑިއަން މެޑިކަލް ރީސާޗް އިންސްޓްޓިއުޓްގެ ވެރިޔާ ބަލްރަމް ބަރްގަވާ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހާ ހަމަ އަށް އިންޑިއާ އިން ވަނީ 297،535 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. މިއީ ދުނިޔެ އިން ހަތަރު ވަނަ އެވެ.
ބަރްގަވާ ދެއްކި ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. މިހާ ގިނަ ބަޔަކަށް ބަލި ޖެހިފައިވާއިރު ކޮމިއުނިޓީ ޓްރާންސްމިޝަނެް ނެތޭ ބުނަނީ ކީއްވެގެންކަމާ މެދު އަންނަނީ ސުވާލުތައް އުފައްދަމުންނެވެ.
ކޮމިއުނިޓީ ޓްރާންސްމިޝަންގެ ގޮތުގައި އާންމު އުސޫލެއްގެ ގޮތުން ގަބޫލުކުރަނީ ބަލި ޖެހޭ މީހަކަށް އެ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގި އަދި އެ މީހަކީ ބަލި އުޅޭ ގައުމަކަށް ދަތުރު ވެސް ކޮށްފައިވާ މީހަކަށް ނުވާ ނަމަ އެވެ. މާނަ އަކީ ގައުމުގެ އާންމު އާބާދީގެ ތެރޭގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި އަރަމުން ދިއުމެވެ.
ނަމަވެސް އިންޑިއާ އިން ބުނަނީ މިއީ ރަސްމީކޮށް އެންމެން އެއްބަސްވާ މާނައެއް ނޫން ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ ކޮމިއުނިޓީ ޓްރާންސްމިޝަން ކޮންޓްރޯލްކުރުމުގައި އަމަލުކުރާނެ ގައިޑްލައިނެއް ނެރެފަ އެވެ. ނަމަވެސް އެ ޖަމާއަތުން ވެސް ކޮމިއުނިޓީ ސްޕްރެޑް މާނަކޮށްފައި އޮންނަނީ ވަރަށް ފުޅާކޮށް އެކި މާނަ ނެގޭ ކަހަލަ ގޮތަކަށެވެ.
މަޝްހޫރު ވައިރޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖޭކޮބް ޖޯން ބީބީސީ އަށް ވިދާޅުވި ގޮތުގައި އިންޑިއާގެ އެއް ބިލިއަނުގެ އާބާދީގެ 0.3 ޕަސެންޓާއި 0.4 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިންޑިއާގައި މިހާރު ދެ ގައުމެއް އެބަ އޮތް - ޓެސްޓުކުރި 0.4 ޕަސެންޓް ކަމަށްވާ ހަތަރު މިލިއަން މީހުންނާއި ޓެސްޓް ނުކުރާ މީހުން. އެހެންވެ، ގޮތަކަށް ބުނާ ނަމަ ސަރުކާރުން އެ ބުނަނީ ގައުމުގެ 99.6 ޕަސެންޓް މީހުންނަކީ ބަލި ނުޖެހޭ މީހުން ކަމަށް - މާނަ އަކީ ބަލި ފެތުރުމުގެ ރޭޓް ވަރަށް ދަށޭ.
"މިހާ ދަށް ރޭޓެއްގައި ބަލި ފެތުރޭ ނަމަ ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނެތޭ ބުނެވިދާނެ."
ޑރ. ޖޯން ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއްގެ ސާފު ހެކި ފެންނަން ހުރި ނަމަވެސް މައި ސަރުކާރުގެ ރުހުމަކާ ނުލައި އެގޮތަށް ބުނެ އިއުލާނު ނުކޮށްފާނެ ކަމަށެވެ.
ހެލްތު މިނިސްޓަރު ސަތިއެންދަރް ޖެއިން ވަނީ ވެރިރަށް ނިއު ދިއްލީގައި ކޮމިއުނިޓީ ޓްރާންސްމިޝަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ވެސް ވިދާޅުވީ ކޮމިއުނިޓީ ޓްރާންސްމިޝަން އޮތް ކަމަށް އިއުލާނުކުރާނީ މައި ސަރުކާރުން ކަމަށެވެ.
"މި ބަހުގެ މާނައާ ދޭތެރޭ ވަނީ ބަހުސެއް އުފެދިފައި. އަދި ޑަބްލިޔު.އެޗް.އޯ އިން ވެސް މި ތަފްސީލެއް ނުކޮށްދޭ،" ބަރްގަވާ ވިދާޅުވި އެވެ. "ޔަގީންކަމާ އެކު ބުނަން އެނގޭ މި ގައުމުގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނެތްކަން. މިއީ ހަމަ ބޭނުންކޮށް އުޅޭ ލަފްޒެއް."
އިންޑިއާގެ ބައެއް ޑޮކްޓަރުން ވިދާޅުވަނީ ކޮމިއުނިޓީ ޓްރާންސްމިޝަންގެ މާނައާ ދޭތެރޭ ސުވާލެއް ކުރަން ވެސް ނުޖެހޭ ކަމަށާއި އެހެން ގައުމެއްގައި އުޅުނު ބައްޔެއް ހުރި މީހަކު ގައުމަށް އެތެރެވެ މިހާރު ގައުމުގައި އެ ބަލި ފެތުރޭ ނަމަ ދެން އެކަމާ ބަހުސްކުރަން ނުޖެހޭ ކަމަށެވެ. ބައެއް ޑޮކްޓަރުން ވިދާޅުވެފައިވަނީ އިންޑިއާ އިން މިހާތަނަށް ފެނުނު ކޭސްތަކުގެ ތެރެއިން، ބަލި ޖެހިފައި ހުރި މީހަކާ ކޮންޓެކްޓުވި މީހުންގެ ނިސްބަތް 0.73 ޕަސެންޓަށް ވުރެ ވެސް ދަށް ކަމަށެވެ.
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 300،000 އަށް އަދި މަރުވި އަދަދު 10،000 އާ ގާތްވެފައި ވާއިރު، ބަލި ފެތުރޭ ކަމުގެ ހަގީގަތާ މެދު އިންކާރުކުރާ ނަމަ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ، ސިއްހީ ކަންކަމަށް ހާއްސަ އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ވިދްޔާ ކްރިޝްނަން ޓްވީޓްކޮށްފައިވެ އެވެ. -- ބީބީސީ