20 އޮކްޓޯބަރ 2016 - 06:18

ކުރަން ހުރި ކަންތައްތައް މާގިނަވުމުން، ދެ އަތަށް ވުރެ ގިނައިން ހުރިނަމައޭ ހިތަށް އަރާ ފަހަރު އާދެ އެވެ. ނޭޕާލަށް އުފަން އުމުރުން އެންމެ ދެ އަހަރުގެ ގައުރަބް ގަރުމްގެ ބުރަކަށިން އަތެއް ނިކުމެފައިވެ އެވެ. މި އަތަކީ ރަނގަޅަށް ހަށިގަނޑުގެ ހުރިހައި ބައިތައް ފުރިހަމަ ނުވި އޭނާގެ އެއްމާބަނޑު ކުއްޖެއްގެ އަތެވެ.

މި ކުއްޖާގެ ބުރަކަށިން ނުކުމެފައިވާ އަތުގައި ހަރަކާތެއް ނެތެވެ. މި އަތް އުފެދި ބޮޑުވަމުންދަނީ ގައުރަބްގެ ސްޕައިނަލް ކޮލަމް ދެބައިވެފައިވާ ތަނަކުންނެވެ. މިގޮތަށް ދެބައިވުމަށް ޑޮކްޓަރީ ބަހުން ކިޔަނީ ސްޕައިނާ ބިފިޑާ އެވެ. މިއީ އުފަންވާ ކޮންމެ 1500 ކުއްޖަކުން އެއް ކުއްޖަކަށް ދިމާވާ ކަމެކެވެ. ނަމަވެސް މިގޮތަށް އިތުރު އަތެއް ނުވަތަ ފަޔެއް ފެޅުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި އަތް ބޮޑުވަމުންދާ ވަރަކަށް ގައުރަބްގެ ނިންޖަށް އަސަރުކުރަން ފެށި އެވެ. މިހާރު ބޭނުންކުރާ އަންނައުނު ވެސް ނުލެވޭ ހިސާބަށް ދާނެ އެވެ.

ކުއްޖާގެ މައިންބަފައިންނަށް މިހާރު ވިސްނަން ޖެހިފައި ވަނީ ދަރިފުޅުގެ މި އަތް އޮޕަރޭޝަން ކޮށްގެން ގަޔާ ވަކިކޮށްލާނީތޯ ނުވަތަ ނޫންތޯ އެވެ. މި އޮޕަރޭޝަނަކީ ގައުރަބް މުޅި އުމުރަށް ވާގި ނެތިދާނެ ނުރައްކާހުރި ކަމެއްކަމަށް އެނގެ އެވެ.
ގައުރަބް އުފަންވި އިރު ވެސް މި އަތް އިނެވެ. އަދި އުފަންވިތާ ފަސް ދުވަސް ތެރޭ އަތް ގަޔާ ވަކި ކޮށްލަން އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާ ދިނެވެ. ނަމަވެސް އެ މީހުން އެ ދީނަކަށް ތަބާވާ ހިންދީ ދީނުމުގެ އިސް މީހުން އެ އަތް އެއްގޮތަކަށް ވެސް ނައްޓާލަން ނުވާނެކަމަށް ބުނެފައި ވާތީ އޭގެ ފަހުން އެއްގޮތަކަށް ވެސް ޑޮކްޓަރެއް ކައިރިއަކަށް އެމީހުންނެއް ގައުރަބް ނުގެންދެ އެވެ.
"ބައެއް މީހުން ބުނޭ ގައުރަބް އަކީ ކޮންމެވެސް ވައްތަރެއްގެ ކަލާންގެ އެކޭ. އެހެންކިޔާފަ ފައިސާ ވެސް ހަދިޔާ ކުރޭ،" އޭނާގެ ބައްޕަ ބުންޏެވެ.
ނަމަވެސް ގިނަ ބަޔަކު ވިސްނައިދީގެން ގައުރަބް އަށް ދެ އަހަރު ވީ ފަހުން މި ދެމަފިރިން ވަނީ އޭނާ ގޮވައިގެން ކަތުމަންޑޫގައި ހުންނަ ބޮޑު ހޮސްޕިޓަލަށް ގޮސްފަ އެވެ. އެތަނުން ހެދި ސްކޭންތަކަށް ފަހު އޮތޮޕީޑިކް ސާޖަން ޑރ. ޗަކްރާ ރާޖް ޕާންޑޭ ވިދާޅުވެފައި ވަނީ އިތުރު އަތެއް އިނުމަކީ މައްސަލައެއް ނޫންކަމަށާއި މައްސަލައަކީ އެ އަތް ފަޅާފައި ވަނީ މައިބަދައިގެ ތެރެއިން ކަމަށް ވާތީ އެވެ.
ޑޮކްޓަރު ވިދާޅުވީ މި މައްސަލަ ރަނގަޅު ނުކޮށްފި ނަމަ ވަރަށް އަވަހަށް ކުއްޖާގެ ނާރުތަކަށް މައްސަލަތައް ދިމާވާނެ ކަމަށެވެ. ފަހަރެއްގައި އޭރުން އޭނާއަށް މުޅި އުމުރު، ފުރޮޅުލީ ގޮނޑިއެއްގައި ވެސް ހޭދަކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރު ލަފާ ކުރައްވަ އެވެ.
ނަމަވެސް އޮޕަރޭޝަން ކުރުމުގައި ވެސް ނުރައްކާ އެބައޮތެވެ. އޮޕަރޭޝަންގެ ތެރޭގައި ކުއްޖާގެ ސްޕައިނަލް ނާވްސް އަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. އެހެން ވެއްޖެ ނަމަ އޭނާގެ ހަށިގަނޑު އެއްކޮށް ވާގިނެތޭނެ އެވެ.
ކުއްޖާ ގަރުބަގަންނަ ހިސާބުން އޭގެ ވަށައިގެން ފަށަލައެއް ލެވެ އެވެ. މިއީ ނިއުރަލް ޓިއުބެވެ. މީތި ތަރައްގީވަމުންދާ ވަރަކަށް މައިބަދަ އާއި ނާވަސް ސިސްޓަމް އުފެދެ އެވެ. މި މަރުހަލާގައި ކަމެއް ގޯސްކޮށް ދިއުމަށް ކިޔަނީ "ނިއުރަލް ޓިއުބު ޑީފެކްޓް" އެވެ.
ހަށިގަނޑުގައިވާ ހުރިހާ ނާރުތައް ސިކުނޑިއާ ގުޅުވައިދޭ އެއްޗަކީ ސްޕައިނަލް ކޯޑެވެ. މީގެ ހިމާޔަތުގައި ވާޓެބްރަލް ބޮޑީސްގެ ފަހަތުގައި ކަށީގެ އާކްސް ތަކެއް ހުރެ އެވެ. ސްޕައިނާ ބިފިޑާ އަކީ މި އާކްސް ކަށިތައް ބަރާބަރަށް ނުލެއްޕި ހުރުމެވެ. މިހެން ހުރުމަކީ ސްޕައިނަލް ކޯޑަށް ވަރަށް ގެއްލުން ލިބިދާނެ ފަދަ ހާލަތެކެވެ. މިގޮތަށް ސްޕައިނަލް ކޯޑަށް މާ ބޮޑަށް ގެއްލުން ވެއްޖެނަމަ އެމީހަކު ގައިން އެއްކޮށް ވާގި ނެތޭނެ އެވެ.