09 ޖޫން 2020 - 14:43

ލޮކްޑައުނާ އެކު އޮންލައިންކޮށް ސިނގިރޭޓު ވިއްކުން އާއްމުވެއްޖެ އެވެ. މިއީ ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅިގެން މަނާ ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އަދި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެމްބަރުކަން ކުރައްވާ ހަސަން މުހައްމަދު "މިހާރު" އަށް ވިދާޅުވީ މީގެ ކުރިން ވެސް އޮންލައިންކޮށް އަދި އެކި ވެބްސައިޓުތަކުގައި ކޮންމެ ވެސް ވަރަކަށް ސިނގިރޭޓު އިސްތިހާރުކޮށްފައި ހުންނަ ކަމަށެވެ. އެކަމަކު ކޮވިޑް-19 އިން ރައްކާތެރިވުމަށް މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އެގޮތަށް ސިނގިރޭޓް ވިއްކުން އާއްމުވެފައި ވެ އެވެ.
އެޗްޕީއޭގެ ސަމާލުކަމަށް އެކަން އައުމުން، އެގޮތަށް ސިނގިރޭޓު ނުވިއްކަން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އޮގަސްޓް 18، 2010 ގައި ތަންފީޒުކުރި "ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު" ބުނާގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް 18 އަހަރުން ދަށުގެ ކުއްޖަކަށް ވިއްކައިގެން ނުވާނެ އެވެ. އަދި އެފަދަ އެއްވެސް ބާވަތެއް ވިއްކުމުގައި ކުޑަކުއްޖަކު ބައިވެރިވެރިކޮށްގެން ވެސް ނުވާނެ އެވެ. އެހެންވެ އޮންލައިންކޮށް އެ ވިޔަފާރި ކުރާއިރު، ދުންފަތުގެ އެ ބާވަތް ގަންނަ މީހާގެ އުމުރު ނޭނގުމަކީ ވެސް އެޗްޕީއޭގެ ކަންބޮޑުވުމެކެވެ.
"ދުންފަތް ނުވަތަ ދުންފަތުން އުފައްދާފައިވާ ތަކެތި ގަންނަނީ ކާކުކަން ނޭނގޭފަދަ ގޮތަކަށް، ވެންޑިން މެޝިނަކުން ނުވަތަ ޕޯސްޓުގެ ޒަރިއްޔާއިން ސިޓީ މެދުވެރިކޮށް ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ ބާވަތެއް އެއްވެސް މީހަކު ވިއްކައިގެން ނުވަތަ ގަނެގެން ވެސް ނުވާނެ އެވެ. ދުންފަތުގެ ބާވަތް ވިއްކޭ ފަރާތުގެ އުމުރު ނޭނގޭ ގޮތެއްގައި ދުންފަތުގެ ވިޔަފާރި ކުރެވޭ އެހެނިހެން މަގުތައް ބަންދުކުރުމުގެ އިހުތިޔާރު [ހެލްތު] މިނިސްޓްރީއަށް ލިބިގެންވެ އެވެ،" އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ބ. ގައި ވެ އެވެ.
ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމަކީ ވެސް އެ ގާނޫނުން މަނާ ކަމެކެވެ. ވައިބަ ގްރޫޕުތަކާއި އެތައް ބަޔަކު ހިމެނޭ ފޭސްބުކް ގްރޫޕުތަކާއި ތަފާތު އެއްޗެހި ވިއްކާ އޮންލައިން އެކި ވިޔަފާރިތަކުގައި، ސިނގިރޭޓު ވިއްކާއިރު އެ އެއްޗެހި ގިނަ ފަހަރަށް ހުންނަނީ ލޭބަލް ވެސް ނުކޮށް ކަމަށް ހަސަން ވިދާޅުވި އެވެ.
މިދިޔަ އަހަރު ތަންފީޒުކުރަން ފެށި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައި ހިމެނޭ މަންޒަރުތަކާ ނުލައި އެ އެއްޗެހި ވިއްކުމަކީ މަނާ ކަމެކެވެ.
ދުންފަތުގެ ބާވަތްތައް ވިއްކަން އިކޮނޮމިކް މިނިސްޓްރީން ވަކިން ހުއްދައެއް ނަގަން ޖެހެ އެވެ. ގާނޫނާ ހިލާފުވެއްޖެނަމަ ވަގުތީ ގޮތުން ހުއްދަ ހިފެހެއްޓުމާއި ބާތިލްކުރުމާއެކު 500-100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.