08 ޖޫން 2020 - 19:27

އެސްޓީއޯގެ ލޯގޯ ޖަހައިގެން މާސްކު ވިއްކަމުންދާތީ އެކަން ހުއްޓާލުމަށް އެކުންފުނިން އެދިއްޖެ އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ވިޔަފާރީގެ ބޭނުމަށް މާސްކު ހަދާ ބަޔަކު އެ ކުންފުނީގެ ލޯގޯ ބޭނުންކުރާ ކަން އެނގިފައިވާ ކަމަށެވެ. އެއީ، އެކުންފުނީގެ ހުއްދަ ނެތި ކުރާ ކަމަކަށްވާތީ އެކަން ވަގުތުން ހުއްޓާލުމަށް އެސްޓީއޯއިން ވަނީ އެދިފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭރަށް ދާ ކޮންމެ މީހަކު ވެސް މާސްކު ބޭނުން ކުރުމަށް އަންގާފައިވާއިރު ފޮތި މާސްކު ބޭނުން ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ބައެއް ފެހުންތެރިންނާއި ވިޔަފާރިވެރިން އަންނަނީ ފޮތި މާސްކު ފަހައި ވިޔަފާރީގެ ބޭނުމަށް އެ މާސްކުތައް ވިއްކަމުންނެވެ.
ނަމަވެސް ކުންފުނީގެ ލޯގޯއެއް އެ ކުންފުންޏެއްގެ ހުއްދައާ ނުލައި ބޭނުން ކުރާ ކަމުގެ މައްސަލައެއް ފެންމަތިވި މިއީ ފުރަތަމަ ފަހަރެވެ.