08 ޖޫން 2020 - 17:45

ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދެ ބިލިއަނެއްހާ ރުފިޔާ އޯވާޑްރޯ ކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. މެއި މަހު 828 މިލިއަން އެމްއެމްއޭއިން ދޫކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އޯވާޑްރޯގެ ގޮތުގައި ނަގާފައިވާ ފައިސާ އާއި އެ ނޫން ގޮތްގޮތަށް ސަރުކާރަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރާ ފައިސާ އެވެ. ބެލެވޭ ގޮތުގައި މި ފައިސާ ނަގާފައިވަނީ ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާއި މިވަގުތަށް ކުރަން ޖެހޭ އެހެނިހެން ހަރަދުތައް މެނޭޖް ކުރުމަށެވެ.
އޯވާޑްރޯ ކުރުމަކީ ޕަބްލިކް އެކައުންޓުން އިތުރަށް ފައިސާ ނެގުމެވެ.
ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު އަމަލެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން، 2013 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.
މި ސަރުކާރުން ވަނީ ޕަބްލިކް އެކައުންޓް މެދުވެރިކޮށް 4.2 ބިލިއަން ރުފިޔާ ނަގަން ނިންމައިފަ އެވެ.
ސަރުކާރުން އޯވާޑްރޯ ކުރަން ފަށައިފައިވާ އިރު ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވެސް ވަނީ މިކަމާ ގުޅޭ ގޮތުން ހިޔާލުފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ، އޭޕްރީލް މަހު ވެސް ސަރުކާރުން ފައިސާ "ޗާޕް" (އޯވާޑްރޯ) ކުރި އިރު ބޭރު ފައިސާގެ މިންވަރު ތިން ޕަސެންޓަށް އިތުރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
"މިކަމުން އިގްތިސާދަށް ދިމާވާ ގެއްލުން ކުޑަ ކުރުމަށްޓަކައި އިގްތިސާދު އަވަހަށް ހުޅުވައިލަން ޖެހޭ. ނުވަތަ ހަރަދުތައް މިހާރަށް ވުރެ ބޮޑަށް މެނޭޖްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޯވާޑްރޯ ފެސިލިޓީ ނަގަން ނިންމުމާ ގުޅިގެން އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ މި ވަގުތަށް ޕަބްލިކް އެކައުންޓުގެ އޯޑީ ފެސިލިޓީ އިތުރުކޮށްގެން ނޫނީ މިހާރު ކުރެވެން ހުރި ހަރަދުތައް ހަމަ ނުޖެއްސޭނެ ކަމަށެވެ. ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުން އަބަދުވެސް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.