ނިއު ޒީލެންޑުން ބަލިޖެހުނު އެންމެން ރަނގަޅުވެއްޖެ
ނިއު ޒީލެންޑުން ބަލިޖެހުނު އެންމެން ރަނގަޅުވެއްޖެ

ވެލިންޓަން (ޖޫން 8) - ނިއު ޒީލެންޑުން ކޮވިޑް-19 ޖެހުނު އެންމެން މިހާރު ރަނގަޅުވެ އެ ބައްޔަށް ޕޮޒިޓިވް އެއްވެސް މީހަކު އެ ގައުމުގައި ނެތް ކަމަށް މިއަދު އިއުލާންކޮށްފި އެވެ.

ނިއު ޒީލެންޑުގައި ކޮވިޑް-19ގެ އެއްވެސް ބަލި މީހަކު ނެތުމުން މިރޭ 12 އިން ފެށިގެން ލޮކްޑައުންގެ ހުރިހާ ފިޔަވަޅެއް އުވާލައި އެލާޓް ލެވެލް އެކަކަށް ދަށްކުރުމަށް ވަނީ ނިންމައިފަ އެވެ. ލެވެލް އެކަކީ އާއްމު ހާލަތަކަށްވުމާ އެކު އެ ހާލަތުގައި ސޯޝަލް ޑިސްޓެންސިންއާ އެއްގޮތަށް އުޅުން އަދި އާއްމު އެއްވުންތައް ބޭއްވުން މަނަލެއް ނުވާނެ އެވެ. ވެޑިންތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތުގެ އިތުރުން ސްކޫލްތަކާއި އޮފީސްތައް ވެސް ހުޅުވާނެ އެވެ. ނަމަވެސް ބޯޑަރު ހުޅުވާލަން އަދި ނިންމައިފައެއް ނުވެ އެވެ. ނިއު ޒީލެންޑަށްދާ މީހުން އަދިވެސް 14 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެ އެވެ.

ނިއު ޒީލެންޑުން ކޮރޯނާވައިރަހުގެ އާ ކޭހެއް ރިޕޯޓް ނުކުރާތާ މިހާރު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ ނިއު ޒީލެންޑުގައި ކޮވިޑް-19 ގެ އެއްވެސް ބަލި މީހަކު ނެތްކަމުގެ ޚަބަރު ލިބިވަޑައިގަތުމާ އެކު އުފަލުން ގޮސް "ކުޑަކޮށް ނައްޓަވާލެވުނު" ކަމަށެވެ.

ކޮރޯނާވައިރަހުގެ ބިރު ކުރިމަތިވުމާ އެކު ނިއު ޒީލެންޑު ލޮކްޑައުންކުރީ މާޗް 25 ގަ އެވެ. އޭގެ ފަހުން ވަނީ ހަތަރު ސްޓޭޖުގެ އެލާޓް ލެވެލްއެއް އިއުލާންކޮށްފަ އެވެ. އެލާޓް ލެވެލް ހަތަރެއްގައި ވަނީ ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށް އެންމެން ގޭގައި ތިބެން އަންގައިފަ އެވެ. ފަސް ހަފުތާ އަށް ފަހު، އެޕްރީލް މަހު ވަނީ ލެވެލް ތިނަކަށް ދަށްކޮށްފަ އެވެ. އެ ހާލަތުގައި ވަނީ ޓޭކްއަވޭ އާއި މުހިންމު ވިޔަފާރިތަކަށް ހުއްދަދީފަ އެވެ. ކޮމިއުނިޓީ ކޭސްތައް މަދުވުމާ އެކު އެލާޓް ލެވެލް ދޭކަށް ދަށްކޮށްފައި ވަނީ މެއި މަހު މެދުތެރޭގަ އެވެ.

އެލާޓް ލެވެލް އެކަކަށް ދަށްކޮށްފައި ވަނީ ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށްވުރެ އަވަހަށެވެ. ކުރިން އޮތީ ޖޫން 22 ގައި ލެވެލް އެކަކަށް ދަށްކުރުމަށެވެ. ނަމަވެސް އެ ހާލަތު އަވަސް ކޮށްފައި ވަނީ ވައިރަސްގެ އާ ކޭހެއް ނުފެންނަތާ 17 ދުވަސްވުމުންނެވެ.

ނިއު ޒީލެންޑުން ކޮރޯނާވައިރަސް ފެބްރުއަރީ މަހު ފެނުމާ އެކު އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 1،504 މީހުންނެވެ. މަރުވެފައި ވަނީ 22 މީހުންނެވެ.