ގެދޮރުވެރި ކުރުމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ގެދޮރުވެރި ކުރުމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެރޭ ރައީސް އަަބްދުﷲ ޔާމީން ތައާރަފްކުރެއްވި "ގެދޮރުވެރިކުރުން، މާލެ ލޯން ޕްރޮގްރާމް"ގެ ލޯނަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީގެ މިީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ވިދާޅުވީ އެ ޕްރޮގްރާމަކީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ރަށްވެހިންނަށް، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ލޯނު ހޯދައިދިނުމަށް މަގުފަހިކޮށްދޭން ފެށި ޕްރޮގްރާމެއް ކަމަށެވެ.

މި ސްކީމުގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާ އެންމެ ބޮޑު އަދަދަކީ 2.5 މިލިއަން ރުފިޔާ އެވެ. އެ ލޯނުގެ 20 ޕަސެންޓްގެ ޑައުންޕޭމަންޓް ސަރުކާރުން އެޗްޑީއެފްސީ އަށް ދައްކައިދޭނެ އެވެ. ނަމަވެސް ފަސް ޕަސެންޓުގެ އިންޓަރެސްޓާއެކު 20 އަހަރުގެ ތެރޭގައި އަނބުރާ ސަރުކާރަށް އެ ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި އެޗްޑީއެފްސީން ދޫކުރި ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހެނީ 11.50 ޕަސެންޓާއެކު 20 އަހަރުގެ ތެރޭގަ އެވެ.

ލޯނަށް އެދޭ ފޯމް، މި މަހުގެ 30 ވަނަ ދުވަހާ ހަމަ އަށް ހުށަހެޅޭނެ ކަމަށާއި ފޯމް ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މި ލޯނަށް ކުރިމަތިލެވޭނީ ދިވެހި ރައްޔިތުންނަށް އެކަންޏެވެ. އަދި ލޯނު ދޫކުރުމުގައި ބޮޑަށް އިސްކަންދޭނީ 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް ކަމަށް ވެސް ފަޒާލް ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ލޯނު ދޫކުރާނީ ޝަރުތު ހަމަވާ މީހުން އެޗްޑީއެފްސީން ފައިނޭންޝަލް ސްކްރީން ކުރުމަށް ފަހު ލޯނަށް ހޮވޭ ފަރާތްތަކަށް އެކަނި ކަމަށެވެ.