ދައުލަތުގެ މާލީ ހިސާބު ހުށަހެޅުމާއި އޮޑިޓްގެ މުއްދަތުތައް ފަސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ދައުލަތުގެ މާލީ ހިސާބު ހުށަހެޅުމާއި އޮޑިޓްގެ މުއްދަތުތައް ފަސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދައުލަތުގެ އަހަރީ މާލީ ހިިސާބުތައް ހުށަހެޅުމާއި އެ ހިސާބުތައް އޮޑިޓް ކުރުމުގެ މުއްދަތު ފަސްކޮށްދެވޭ ގޮތަށް އޮޑިޓް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

އޮޑިޓް ގާނޫނު ބުނާގޮތުން ކޮންމެ މާލީ އަހަރެއް ނިމޭތާ 14 ދުވަސް ތެރޭގައި ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ފިނޭންސް މިނިސްޓްރީން އޮޑިޓާ ޖެނެރަލަށް ފޮނުވަން ޖެހޭއިރު، އެ ހިސާބުތައް އޮޮޑިޓް ކުރުމަށް ފަހު، ތިން މަސް ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސަށް އޮޑިޓާ ޖެނެރަލް ފޮނުވަން ޖެހެ އެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ބިލުގައި ހުށަހަޅާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) ނުވަތަ ސިއްހީ ކުއްލި ނުރައްކަލުގެ އިތުރުން ކާރިސާއެއްގެ ހާލަތުގައި އެ މުއްދަތުތައް ހަ މަސް ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް އިތުރު ކުރުމުގެ ބާރު އޮޑިޓާ ޖެނެރަލަށާއި މަޖިލީހަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.

މީގެ އިތުރުން އެ ގާނޫނުގެ ދަށުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ތިން މަސް ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް މަޖިލީހަށް ފޮނުވަން ޖެހޭ ގޮތަށް ގާނޫނުގައި އޮތް އޮތުމާއި ކޮންމެ މާލީ އަހަރެއް ނިމޭތާ ދެ މަސް ތެރޭގައި އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރަންޖެހޭ ގޮތަށް އޮތް އޮތުން ވެސް ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އިތުރު ކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައިވަނީ އިއްވައިފަ އެވެ.