އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އަށް ކޮޕީގެ ތުހުމަތުކޮށްފި
އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އަށް ކޮޕީގެ ތުހުމަތުކޮށްފި

މި މަހުގެ 12 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ އަމީތާބް ބައްޗަންގެ ފިލްމު "ގުލާބޯ ސިތާބޯ" އަކީ ކޮޕީކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށް ބުނެ އޭގެ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީގެ މައްސަލަ ފުލުހުންނާއި ކަމާބެހޭ އެހެން ފަރާތްތަކަށް ހުށަހަޅައިފި އެވެ.

އުމުރުން ދުވަސްވީ މީހަކާއި އޭނާ ކުއްޔަށް ދީގެން އުޅޭ ތަނެއްގައި ދިރިއުޅޭ ޒުވާނެއްގެ މެދުގައި ހިނގާ ކޯޅުންތަކެއް ކިޔައިދޭ ކޮމެޑީ-ޑްރާމާ އަށް ކޮޕީގެ ތުހުމަތުކޮށްފައި ވަނީ ކުރީގެ ލިޔުންތެރިޔާ ރަޖީވް އަގަރްވާލްގެ ފިރިހެން ދަރިފުޅު އަކީރާ އެވެ.

އޭނާގެ ވަކީލު ރިޒްވާން ސިއްދީގީ ވިދާޅުވި ގޮތުގައި "ގުލާބޯ ސިތާބޯ" ހަދާފައި ވަނީ ސްކްރީން ރައިޓާޒް އެސޯސިއޭޝަން (އެސްޑަބްލިއުއެސް) އިން 2018 ގައި "ސިނެސްތާން އިންޑިއާސް ސްޓޯރީޓެލާ ސްކްރިޕްޓް" ގެ ނަމުގައި ބޭއްވި މުބާރާތަށް އަކިރާ "16، މޯހަންދާސް ލޭން" ގެ ނަމުގައި ލިޔުނު ސްކްރިޕްޓަށެވެ. އަދި އެ މުބާރާތުގައި ޖޫހީ އަކީ ޖޫރީ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރ މީހެކެވެ.

ނަމަވެސް ޝޫޖިތު ސިރްކާ ޑައިރެކްޓްކުރި ފިލްމު ރިލީޒްކުރަން ގާތްވެފައި ވަނިކޮށް "ގުލާބޯ ސިތާބޯ" އަށް ކުރި ކޮޕީގެ ތުހުމަތަށް ޑައިރެކްޓަރާއި ޕްރޮޑިއުސަރު ރޯނީ ލެހެރީ ވަނީ އިންކާރުކޮށްފަ އެވެ.

ޝޫޖިތު ބުނި ގޮތުގައި ފިލްމާ ދެކޮޅަށް ކުއްލިއަކަށް މީހަކު ނިކުތީ ފިލްމަށް ގެއްލުން ދިނުމުގެ ބޭނުމުގަ އެވެ. އޭނާ ބުނީ ޖޫހީގެ ސްކްރިޕްޓަކީ އޮރިޖިނަލްއެއް ކަމަށާއި އެ ސްކްރިޕްޓަކީ 2018 ގައި ރަސްމީކޮށް ޖޫހީގެ ނަމުގައި ރަޖިސްޓްރީ ވެސް ކޮށްފައި އޮތް އެއްޗެއް ކަމަށެވެ.

"އަކިރާ އެ ތުހުމަތުކުރާ ސްކްރިޕްޓަކާއި އަހަރެމެންގެ ފިލްމާ އެއްވެސް ގުޅުމެއް ނުހުންނާނެ. ފިލްމުގެ ތިން މިނިޓެއްހާ އިރުގެ ޓްރެއިލާ ބަލާފައި ތިމަންނަގެ އެއްޗެއް ކޮޕީކުރީއޭ ކިޔާފައި މި ގޮތަށް ތުހުމަތުކުރާ މީހުން މިހާރު ވަރަށް ގިނަވެއްޖެ،" ޝޫޖިތު ބުންޏެވެ. "މިއީ ސީދާ ފިލްމަށް ގެއްލުން ދޭންވެގެން ކުރާ ކަމެއް."

ފާހަގަކުރެވޭ ކަމަކީ މިއީ ޖޫހީ ލިޔެ، ސޫޖިތު ޑައިރެކްޓްކުރި ފިލްމަކަށް ކޮޕީގެ ތުހުމަތު ކުރި ފުރަތަމަ ފަހަރު ވެސް ނޫން ކަމަށެވެ. ދެހާސް އަށާރައިގައި އެ ދެ މީހުން ވަރުން ދަވަނާ އެކު ގެނެސްދިން "އޮކްޓޯބާ" އަށް ވެސް ކޮޕީގެ ތުހުމަތުކޮށް ދައުވާކޮށްފައިވެ އެވެ.

"ގުލާބޯ ސިތާބޯ" އަށް ކުރި ކޮޕީގެ ތުހުމަތާ ބެހޭ ގޮތުން ޖޫހީ ބުނީ އޭނާ އެއްވެސް މީހެއްގެ ސްކްރިޕްޓް ކޮޕީނުކުރާ ކަމަށާއި އެ ފިލްމުގެ ވާހަކަ އަމީތާބާ ވެސް ހިއްސާކޮށްފައި ވަނީ 2017 ގައި ކަމަށެވެ.

"މިއީ އަހަރެންގެ އަމިއްލަ އެއްޗެއް. މިއީ އޮރިޖިނަލް ސްކްރިޕްޓެއް. އަހަރެން އެހެން މި ބުނަނީ ފަހުރުވެރިކަމާ އެކު،" އޭނާ ބުންޏެވެ. "އަހަރެން އަމީތާބް ސާ އަށް ފިލްމުގެ ސްޓޯރީލައިން ކިޔައިދިނުމަށް ފަހު، ސްކްރިޕްޓް ރަސްމީކޮށް ރަޖިސްޓްރީކުރީ ދެހާސް އަށާރައިގެ މެއި މަހުގެ ތެރޭގައި."

ޖޫހީ އަށް އަކިރާ ކުރާ ތުހުމަތާ ގުޅިގެން ސިނެސްތާން ސްކްރިޕްޓް ކޮންޓެސްޓްގެ ޖޫރީ ޗެއާމަން އަންޖުމް ރަޖަބާލީ ވެސް ބުނީ އަކިރާގެ ސްކްރިޕްޓް ކޮޕީކުރުމުގެ އެއްވެސް ފުރުސަތެއް ޖޫހީ އަށް ނޯންނާނެ ކަމަށާއި އެ ތުހުމަތުގައި އަސްލެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"މުބާރާތުގެ ގަދަ ވިއްސަކަށް އަކިރާގެ ސްކްރިޕްޓް ދިޔަ ނަމަވެސް ގަދަ އަށެކަށް އެ ސްކްރިޕްޓެއް ނުދޭ. އޭގެ މާނަ އަކީ އެ ހިސާބަށް ދަތުރުނުކުރާ ސްކްރިޕްޓަކަށް އެކްސެސްވުމުގެ ފުރުސަތެއް ޖޫރީ މެމްބަރުންގެ ތެރޭގައި ހިމެނޭ ޖޫހީއަކަށް ވެސް ނޯންނާނޭ،" އަންޖުމް ބުންޏެވެ. "އެހެންވެ ޖޫހީ އަށް ކުރާ ތުހުމަތު ގަބޫލެއްނުކުރެވޭ."

ޖޫހީ އަކީ އަމީތާބާ އެކު ޝޫޖިތު 2015 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ޕީކޫ" ގެ ވެސް ސްކްރީންރައިޓަރެވެ. އެ ފިލްމުން އޭނާ އަށް ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ސްކްރީންްޕްލޭގެ އެވޯޑް ވެސް ލިބުނެވެ.