ގުރުއާން ޓީޗަރަކު ފިރިހެން ދަރިވަރުންތަކަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ
ގުރުއާން ޓީޗަރަކު ފިރިހެން ދަރިވަރުންތަކަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

އުތުރުގެ ރަށެއްގައި ގުރުއާން ކްލާހެއް ހިންގާ މީހަކު، އޭނާ ކިޔަވައިދޭ ފިރިހެން ދަރިވަރުންތަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި 28 އަހަރުގެ އެ ފިރިހެން މީހާ ޖިންސީ ގޯނާ ކުރި ކަމަށް ރިޕޯޓުކޮށްފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށެވެ. އެކަމަކު އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުގެ ކުރީކޮޅު ވެސް ވަނީ އުތުރުގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މީގެ ތިން މަސް ކުރިން، ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވެ އެވެ.