09 ޖޫން 2020 - 05:30

މަސައްކަތް ނިމިފައިވާ އޮންނަތާ އެތައް އަހަރެއް ވީ އިރު ވެސް، އަމީތާބް ބައްޗަންގެ ފިލްމު "ޝޫބައިޓް" ރިލީޒްނުކުރެވި އޮތް މައްސަލާގައި އޭނާ ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށް ދޭހަވާ މޭރުމަކުން އެ ފިލްމުގެ އޮރިޖިނަލް ޕްރޮޑިއުސަރު ޝާއިލަންދަރު ސިންގް ވާހަކަ ދައްކައިފި އެވެ.
ޝޫޖިތު ސިކްރާ ޑައިރެކްޓްކޮށްފައިވާ ފިލްމު ނިންމާފައި އޮންނަތާ އަށް އަހަރުވީ އިރު، ޕްރޮޑިއުސަރުންގެ މެދުގައި ހުރި ކޯޅުންތަކާ ހެދި "ޝޫބައިޓް" އޮތީ ބެލުންތެރިންނަށް ނުގެނެސްދެވި ތާށިވެފަ އެވެ. އަދި 2018 އިން ފެށިގެން އަމީތާބާއި ބައެއް އެހެން ފަންނާނުން ވެސް އަންނަނީ އެ ފިލްމު ރިލީޒްކޮށް ދޭން އެދެމުންނެވެ.
"ޝޫބައިޓް" ރިލީޒްނުކުރެވި އޮތް ސަބަބާ ބެހޭ ގޮތުން ޝާއިލަންދަރު އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމަށް މިފަދަ މައްސަލައެއް ދިމާވީ އޭނާ އަށް ލަނޑުދޭން ބަޔަކު ކުރި މަސައްކަތްތަކާ ހެދި ކަމަށެވެ. ޝައިލަދަންރު ބުނިގޮތުގައި އެ ފިލްމުގެ ވާހަކަ އަކީ ވެސް އޭނާ ލިޔުނު އެއްޗެކެވެ. އެގޮތުން "ޖޯނީ ވޯކާ" ގެ ނަމުގައި ވާހަކަ ލިޔެ، އަމީތާބް ލައްވައި ފިލްމަށް އެއް ކްރޯޑް ރުޕީސް އަށް ސޮއިކުރުވީ މީގެ 13 އަހަރު ކުރިން ކަމަށް ބުންޏެވެ.
ފިލްމުގެ ޕްލޮޓް އެނބުރެނީ ޖޯނީ ޑި ސޫޒާ ކިޔާ އުމުރުން ދުވަސްވީ މީހަކު، ބަލިދާނުގައި އޮންނަ އޭނާގެ އަންހެނުންނާ ބައްދަލުކުރަން ހިނގާފައި ކުރާ ދިގު ދަތުރެއްގެ މައްޗަށެވެ.
ޝާއިލަންދަރު ބުނިގޮތުގައި ފިލްމަށް އެތައް ރިސާޗެއް ހަދައި، އަމީތާބް ލައްވައި ސޮއިކޮށް، ޑައިރެކްޓަރަކަށް ޝުޖިތު ހަމަޖައްސައި، ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަން ހަންޓްކުރަން ދަތުރުތަކެއް ވެސް ކޮށްފައި ވަނިކޮށް ފަހުން ލިބެނީ އަމީތާބްގެ ޓީމުން ކޯލެކެވެ.
"އޭގައި ބުނަނީ އަމީތާބު ބޭނުމޭ އޭނަގެ އޭރުގެ ފިލްމު ކުންފުނި [އޭބީސީ ކޯޕަރޭޝަން ލިމިޓެޑް] އިން ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާން. އެކަމަކު އަހަރެން ބުނިން އަމީތާބު ފިލްމަށް ބޭނުން ވަނީ ހަމައެކަނި އެކްޓަރެއްގެ ގޮތުގައޭ. ޕްރޮޑިއުސަރެއްގެ ގޮތުގައެއް ބޭނުމެއް ނުވެއޭ. އަދި ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލީ." އޭނާ ބުންޏެވެ.
ޝާއިލަންދަރު ބުނި ގޮތުގައި އޭގެ ދުވަސްތަކެއް ފަހުން އަމީތާބާއި ޝުޖިތާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. އަދި އެ ބައްދަވުމުގައި އެ މީހުން ވަނީ ފިލްމުގެ ވާހަކަ ހޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު އެމް ނައިޓް ޝިއަމަލަން ލިޔެފައިވާ "ލޭބާ އޮފް ލަވް" އާ ވަރަށް އެއްގޮތް ކަމަށް ބުނެ، ފިލްމު އަމީތާބް ކުޅޭނީ ޝިއަމަލަންގެ ހުއްދަ ޝާއިލަންދަރު ލިޔުމަކުން ހޯދުމުން ކަމަށް ބުނެ ޝަރުތު ވެސް ކުރި ކަމަށް ޝައިލަންދަރު ބުންޏެވެ.
"ދެން އަހަރެން ބުނިން ވަގުތުދޭށޭ. އެކަން ވޭތޯ ބަލާނަމޭ. ނަމަވެސް ޝިއަމަލަންއާ މުއާމަލާތްނުކުރެވި ދިގުލައިގެން ދާން ފެށުމުން ފަހުން އަމީތާބް ވަނީ ހުއްދަ ނުލިބޭ ނަމަ ފިލްމު ނުކުޅޭނެ ކަމަށް ބުނެފައި،" އޭނާ ބުންޏެވެ.
ނަމަވެސް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ފަހުން ޔޫޓީވީ ބައިވެރިވާ ގޮތަށް ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ފިލްމުގައި ހިއްސާވެ، ފިލްމުގެ "ޝޫބައިޓް" އަށް ބަދަލުކޮށް ނުވެސް އަންގައި، ޝޫޓިން ނިންމައިލުން ކަމަށް ޝާއިލަންދަރް ބުންޏެވެ.
"އަހަންނަށް އެންމެ ބޮޑު ޝޮކަކަށްވީ އަހަރެން ލިޔުނު ވާހަކަ އެހެން މީހެއްގެ ވާހަކައާ އެއްގޮތް ކަމަށް ބުނެ އެ މީހެއްގެ ހުއްދަ ހޯދަން ޝަރުތުކޮށްފައި އޮތުމަށް ފަހު، ހަމަ އެ ވާހަކަ އަށް އެ މީހުން ނަން ބަދަލުކޮށްގެން ފިލްމު ހެދީމަ. އަދި އަމީތާބް އެ ފިލްމު ކުޅުނީމަ،" އޭނާ ބުންޏެވެ. "އެހެންވެ އެ ހިސާބުން އެނގިއްޖެ އަހަރެން މި ޕްރޮޖެކްޓުން ބޭރުކޮށްލަން އެ މީހުން ވަރަށް ގިނަ ރޭވުންތައް ރާވައި، އަހަންނަށް އޮޅުވާލަން މަސައްކަތްކޮށްފައިވާކަން."
ޝާއިލަންދަރް ބުނީ "ޝޫބައިޓް" ގެ މައްސަލަ ކޯޓާ ހަމައަށް ގެންދަން ޖެހުނީ އެ ހިސާބުން ކަމަށާއި ފިލްމު ރިލީޒްނުވެ އޮތީ މިފަދަ ސަބަބުތަކާ ހެދި ކަމަށެވެ. ރޯނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ފިލްމުގައި ހިއްސާވި ނަމަވެސް ފަހުން އޭނާ އެ ފިލްމުގައި ހިއްސާއެއްނުވެ އެވެ.
"އެކަމަކު އަހަރެން އަދިވެސް މި ހުރީ އެ ފިލްމު އެ މީހުން ވިއްކަން ތިބި ނަމަ ގަނެގެން ވެސް ރިލީޒްކޮށް ދޭން. ސަބަބަކީ އެ ޕްރޮޖެކްޓަކީ އަހަރެންގެ ވަރަށް ބޮޑު ހިއްސާއެއް. އަދި އަހަންނަށް އެނގޭ ފިލްމަކީ ވަރަށް ފުރިހަމަ ފިލްމަކަށް ވާނެކަން." އޭނާ ބުންޏެވެ.
"ޝޫބައިޓް" އަކީ އަމީތާބާ އެކު ޑައިރެކްޓަރު ޝުޖިތު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އެކީގައި ގިނަ ޓީވީ އިޝްތިހާރުތަކެއްގައި މަސައްކަތްކުރި އެ ދެ މީހުން އެކީގައި ގެނެސްދިން ފުރަތަމަ ފީޗާ ފިލްމަކީ 2015 ގެ "ޕީކޫ" އެވެ. އަދި މި މަހުގެ 12 ގައި ރިލީޒްކުރާ އަމީތާބްގެ "ގުލާބޯ ސިތާބޯ" އަކީ ވެސް ޝުޖިތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.