09 ޖޫން 2020 - 05:34

އެކްޓަރު އަބޭ ޑިއޯލާ އެކު މަސައްކަތްކުރަން ވަރަށް އުނދަގޫ ކަމަށް ބުނެ، ދުވަހަކު ވެސް ދެން އޭނާއާ އެކު މަސައްކަތްނުކުރާނެކަމުގެ އިޝާރާތެއް ޑައިރެކްޓަރު އަނޫރާގް ކެޝަޕް ދީފި އެވެ.

އަބޭ އަކީ އަނޫރާގް 2009 ގައި ޑައިރެކްޓްކޮށް، ގެނެސްދިން "ދޭވް ޑީ" ގެ ބަތަލެވެ.
އެ ފިލްމުގެ ތަޖުރިބާ ވެސް ހިއްސާކުރަމުން އަނޫރާގް ދިން އިންޓަވިއުއެއްގައި ބުނީ އަބޭ އަކީ ކިތަންމެ ހުނަރުވެރި އެކްޓަރެއް ނަމަވެސް އެކީގައި މަސައްކަތްކުރަން ވަރަށް އުނދަގޫ ކަމަށެވެ. އަދި އޭރު ފިލްމުގެ މަސައްކަތްކުރި ދުވަސްވަރު އަބޭގެ ފަރާތުން ފިލްމަށް ލިބެން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް ވެސް ބުންޏެވެ.
"އަހަންނަށް ވަރަށް އުނދަގޫ އޭނާއާ އެކީ މަސައްކަތްކުރަން. ފަހަރުގައި ވެދާނެ އޭނަ ގެންގުޅޭ އެޓިޓިއުޑަކާ ހެދި ވާ ގޮތެއް ކަމަށް ވެސް. ހަމަ ގައިމު ވެސް އަބޭއާ އެކު އަހަރެން ކުރި ތަޖުރިބާއެއް އެހާ ރަނގަޅެއް ނޫން،" އަނޫރާގް ބުންޏެވެ. "ދޭވް ޑީގެ މަސައްކަތް ނިމުމުން އަހަރެން އޭނާއަކާ އެހާ ބޮޑަށް ވާހަކައެއް ވެސް ނުދައްކަން. އެކަހަލަ ފުރުސަތެއް ވެސް ނުލިބޭ."
އޭނާ ބުނިގޮތުގައި "ދޭވް ޑީ" އަކީ ވަރަށް ޓައިޓް ބަޖެޓަކުން ހެދި ފިލްމަކަށްވާ އިރު، ފިލްމުގެ މަންޒަރުތައް ނަގަން ތަންތަނަށް ކުރި ދަތުރުތަކުގައު ވެސް އަބޭ ހުންނަން ބޭނުންވީ ފަސް ތަރީގެ ހޮޓަލެއްގައި ކަމަށެވެ. އެކަމަކު ކްރޫގެ އެހެން ހުރިހާ މީހުން ތިބޭނެ ތަނާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނުކުރާ ކަމަށް ބުންޏެވެ.
އަނޫރާގް ތުހުމަތުކުރި ގޮތުގައި ނަމުގެ ފަހަތަށް "ޑިއޯލް" ކިޔާތީ އޭގެ ފައިދާ ނަގަން އަބޭ މަސައްކަތްކުރެ އެވެ. ޑިއޯލަކީ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ އާއިލާ ނިސްބަތްވާ އެކްޓަރެކެވެ. އަބޭ އަކީ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އަދި އީޝާ ޑިއޯލްއާ ދެބޭންގެ ދެދަރި އެކްޓަރެކެވެ.
"އަހަރެން ގަބޫލުކުރަން އަބޭ އަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށް. އެކަމަކު ފިލްމެއްގެ ގެ މަސައްކަތްކުރާ އިރު އެކްޓަރެއްގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުމެއް އޭނަގެ ފަރާތުން އަހަންނަކަށް ނުލިބޭ. އަދި ފިލްމުގެ ޕްރޮމޯޝަންތަކަށް ވެސް އަބޭ އަށް ވަގުތު ދެވޭކަމަކަށް ނުވޭ،" އަނޫރާގް ބުންޏެވެ. "މިކަހަލަ ކަންކަމާ ހުރެ އަބޭއާ އެކު އަހަރެން ކުރި ތަޖުރިބާ ސިފަކުރާނީ ވަރަށް ރިހުން ބޮޑު ކަމެއްގެ ގޮތުގައި."
އޭނާ ބުނީ އަބޭ އަށް އަސްލު ހައްގުވާ ހިސާބަށް ވެސް ނުދެވި އޭނާގެ ކެރިއަރު އެހާ ކާމިޔާބު ނޫނީ ވެސް ގެންގުޅޭ އުސޫލުތަތަކާ ހެދި ކަމަށެވެ.
"އޭނަގެ އެޓިޓިއުޑް ކަންނޭނގޭ އެންމެ ބޮޑު މައްސަލަ އަކީ. އެކަމަކާ ހެދި އޭނާ ހައްގުވާ މިންވަރެއް ނުލިބޭ. ވަރަށް ގިނަ ބަޔަކު އެހާ ގަޔާވާ ކަމަކަށް ވެސް ނުވޭ އަބޭއާ އެކު މަސައްކަތްކުރުމަކީ،" އަނޫރާގް ބުންޏެވެ.
އަބޭ، 44، ބޮލީވުޑަށް ނުކުތީ 2005 ގައި ޑައިރެކްޓަރު އިމްތިއާޒް އަލީ ގެނެސްދިން "ސޯޗާ ނަތާ" އިންނެވެ. އެކަމަކު އޭނާގެ ކެރިއަރުގައި ގިނައިން ކުޅެފައިވާ ހުރީ މެއިންސްޓްރީމް ކޮމާޝަލް ފިލްމުތަކަށް ވުރެ ބޮޑަށް އޮފްބީޓް އާޓް ވައްތަރުގެ ފިލްމުތަކެވެ. އަބޭ ކުޅުނު ކޮމާޝަލް ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމުތަކަކީ 2011 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" އާއި 2013 ގެ "ރާންޖަނާ" އެވެ.
އޭނާ މިހާރު ފިލްމުތަކުން ފެންނަނީ ވަރަށް މަދުންނެވެ.