08 ޖޫން 2020 - 09:16

މި މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖޭގައި ކޮވިޑް-19 އަލަށް ޖެހުނު މީހުންނަށް ވުރެ އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ގިނަ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން ކޮންމެ ދުވަހަކު ހާމަކުރާ ކޭސްތަކުގެ ނަތީޖާގެ ތެރޭގައި އެކި ދުވަސްތަކުގެ ކޭސްތައް ހިމެނެ އެވެ. މި ކޭސްތައް، އެ ކޭހެއްގެ ތާރީހަށް ބަލައި ޖުމްލަކޮށް ބެލުމުން ފެންނަ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެ ނިޔަލަށް ރާއްޖޭގައި އަލަށް ބަލި ޖެހިފައިވަނީ 83 މީހަކަށެވެ. ނަމަވެސް މި މުއްދަތުގައި 243 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިހާރު ހާމަކޮށްފައި ހުރި ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖޭން 1.903 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ނަމަވެސް އޭގެ ތެރެއިން 827 މީހަކު ރަނގަޅުވެ އަދި އަށް މީހަކު މަރުވެ މިހާރު މި ބަލި ހުރި މީހުންގެ އަދަދަކީ 1،066 އެވެ. މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހާ ހަމަ އަށް ތަރުތީބުން ބަލާއިރު ކޮންމެ ދުވަހަކު ރަނގަޅުވި އަދަދުތަކަކީ؛ 33، 35، 47، 26، 44 އަދި 58 އެވެ. މި ހަތް ދުވަހު އަލަށް ބަލި ޖެހުނު މީހުންގެ އަދަދު އެންމެ މަތީގައި ހުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 29 އެވެ. މިއިން ކޮންމެ ދުވަހަކު ވެސް ބަލި ޖެހުނު މީހުންގެ އަދަދު، ރަނގަޅުވި މީހުންނަށް ވުރެ އިތުރު ނުވެ ދިޔައީ ދަށަށެވެ.
މި އަދަދުތަކަށް ބަލާއިރު ރާއްޖޭގެ ރިކަވަރީ ރޭޓް ހުރީ 43.46 ޕަސެންޓުގަ އެވެ. މަރުވާ ރޭޓަކީ 0.42 ޕަސެންޓެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭ 16 މީހަކު މިވަގުތު އެބަ ތިބި ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19 ހުރިތޯ ބަލަން ހަދާ ޕީސީއާރް ޓެސްޓަކީ މަރުވެފައިވާ ވައިރަސްގެ އަސަރު ހަށިގަނޑުގައި ހުއްޓަސް، ޓެސްޓުން ޕޮޒިޓިވް ކަމަށް ދައްކާ ޓެސްޓަކަށް ވުމުން، އެ މީހެއްގެ ކިބައިން އެހެން މީހުންނަށް ބަލި ނާރާ ހާލަތަށް ރަނގަޅުވިޔަސް އެ ޓެސްޓުން ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކަ އެވެ. އެހެންވެ މިހާރު ވަނީ އެންމެ ފަހުގެ ހޯދުންތަކަށް ބިނާކޮށް، ބައްޔަށް ޕޮޒިޓިވްވެ 10 ދުވަސް ފަހުން ބަލީގެ އަލާމާތްތައް ފިލައި ތިން ދުވަސް ވުމުން އިތުރު ޓެސްޓެއް ކުރުމަކާ ނުލައި ދޫކޮށްލަން ނިންމައިފަ އެވެ. އެއީ މި މުއްދަތަށް ފަހު އެ މީހުންގެ ކިބައިން އެހެން މީހުންނަށް ވައިރަސް ނާރާ ކަމަށް ފަހުގެ ދިރާސާތަކުން އެނގިފައި ވާތީ އެވެ.
މި ބަދަލާ އެއްގޮތަށް، ބަލިން ރަނގަޅުވި ކަމަށް ބަލައި ދޫކޮށްލަން ފަށާފައި ވާތީ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ދެ މަހެއްހާ ދުވަހު ލޮކްޑައުންގައި ބޭއްވުމަށް ފަހު މިދިޔަ މަހުގެ 30 އިން ފެށިގެން ވަނީ ލުއިތައް ދޭން ފަށައިފަ އެވެ. އެހެންވެ ބޭރުގައި އުޅޭ މީހުންގެ އަދަދު އިތުރުވެ އަލަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވިފައި ވިޔަސް އަދި އެފަދަ ކަމެއް، މިހާތަނަށް ހާމަކުރި ކޭސްތަކުގެ ނަންބަރަކުން ނުފެނެ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1،264 މީހުންނަކީ ބިދޭސީންނެވެ. ދިވެހިންގެ އަދަަދަކީ 639 އެވެ.