ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ހާހަކަށް ވުރެ މަދުވެއްޖެ
ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ހާހަކަށް ވުރެ މަދުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 98 މީހަކު ރަނގަޅުވެ، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ހާހަކަށް ވުރެ ދަށަށް ހިނގައްޖެ އެވެ.

އަލަށް ރަނގަޅުވި މީހުންނާ އެކު މިހާރު ވަނީ ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 925 އަށް އަރައިފަ އެވެ. އެއާ އެކު، ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 981 އަށް ދަށްވެފަ އެވެ.

އިއްޔެ 6:00 އިން މިއަދު އިރު އޮއްސި 6:00 އާ ހަމަ އަށް 839 ސާމްޕަލެއް ޓެސްޓުކޮށްގެން، އަލަށް 13 މީހަކު ބައްޔަށް ޕޮޒިޓިވްވެ މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،916 އަށް އަރައިފަ އެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި ބަންގްލާދޭޝް ފަސް މީހަކާއި އިންޑޮނީޝިއާ މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް ދިވެހިންނާއި ބަންގްލާދޭޝް ފަސް މީހުންނަކީ އެކި ކްލަސްޓާތަކާ ގުޅޭ މީހުންނެވެ.

މިހާތަނަށް ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖޭން ޕޮޒިޓިވްވި އިޓަލީ ދެ މީހަކު، އެ މީހުންގެ ހަށިގަނޑުގައި ބަލި ހުރިކަން އެނގުމުގެ ކުރިން ރާއްޖޭން ފުރައިގެން ގޮސްފައިވެ އެވެ.

މި މަސް ފެށުނު ފަހުން ކޮންމެ ދުވަހަކު ވެސް، އަލަށް ބަލި ޖެހޭ މީހުންނަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ގިނަ އެވެ.

ކޮވިޑް-19ގެ ޖެހިފައި ހުރި މީހަކު ރާއްޖޭން ފުރަތަމަ ފެނުނީ މާޗް ހަތް ވަނަ ދުވަހު އެވެ. އެއީ ރާއްޖެ އައި ޓޫރިސްޓެއްގެ ގައިންނެވެ. މި ކޭސް އަށް ފަހު އޭޕްރީލް ހަތަރު ވަނަ ދުވަހާ ހަމަ އަށް 20 ކޭސް ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ރާއްޖެ އައި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ ބައެއް މުވައްޒަފުންނާއި ރާއްޖޭން ބޭރުން އައި ބައެއް ދިވެހިންނެވެ.

ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ރާއްޖޭން ކޮވިޑް-19 ފެނުނީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިންނެވެ. އެ ދުވަހު ތިން މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އޭގެ ފަހުން މި ބަލީގެ މީހުން ކޮންމެ ދުވަހަކު ފެންނަމުން ގޮސް ބަލި ޖެހުނު މީހުންގެ އަދަދު 1،000 ފަހަނަޅައި ދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 1،055 އަށް އަރައިފަ އެވެ. އެކަމަކު މަރުވި މީހުންނާއި ރަނގަޅުވި މީހުން އުނިކުރުމުން، ރާއްޖޭގައި އެ ދުވަހު ތިބި އެ ބަލީގެ މީހުންގެ އަދަދަކީ 981 އެވެ.

ބަލިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު ރާއްޖޭގައި ހާހަކަށް ވުރެ މައްޗަށް ދިޔައީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ 1،011 އެވެ.

އެއް ދުވަހަކަށް ބަލާއިރު ރާއްޖޭން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހު 178 މީހަކު ޕޮޒިޓިވްވި އެވެ. މިގޮތަށް އެއްފަހަރާ ގިނަ ކޭސްތައް ފެނުނު ދުވަސްތަކަށް ބަލާއިރު އޭގެ ތެރޭގައި ގިނައީ އެއްތަނެއްގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ކޭސްތަކެވެ. އަދި އެއީ ބަލީގެ ނުރައްކާ ބޮޑަށް އޮތް ކަމަށް ބެލެވިގެން ބަންދުކޮށްފައިވާ ސައިޓްތަކުން ފެނުނު މީހުންނެވެ.

ބަލި ޖެހުނު މީހުން ރަނގަޅުވާން ފެށިތާ ކުރީކޮޅު، ބަލިން ރަނގަޅުވާ ރޭޓް އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ލަސް ކަމަށް ފާހަގަކުރެވުނެވެ. މިއީ ބަލިން ރަނގަޅުވި ކަމަށް ރާއްޖޭގައި ބަލާ މިންގަނޑާއި އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތާ ހުރި ތަފާތަކުން ކަމަށް ބެލެވެ އެވެ. ބަލި ހުރިތޯ ބަލަން ހަދާ ޕީސީއާރް ޓެސްޓަކީ މަރުވެފައިވާ ވައިރަސްގެ އަސަރު ހަށިގަނޑުގައި ހުއްޓަސް، ޓެސްޓުން ޕޮޒިޓިވް ކަމަށް ދައްކާ ޓެސްޓަކަށް ވުމުން، އެ މީހެއްގެ ކިބައިން އެހެން މީހުންނަށް ބަލި ނާރާ ހާލަތަށް ރަނގަޅުވިޔަސް އެ ޓެސްޓުން ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކަ އެވެ. އެހެންވެ މިހާރު ވަނީ އެންމެ ފަހުގެ ހޯދުންތަކަށް ބިނާކޮށް، ބައްޔަށް ޕޮޒިޓިވްވެ 10 ދުވަސް ފަހުން ބަލީގެ އަލާމާތްތައް ފިލައި ތިން ދުވަސް ވުމުން އިތުރު ޓެސްޓެއް ކުރުމަކާ ނުލައި ދޫކޮށްލަން ނިންމައިފަ އެވެ. އެއީ މި މުއްދަތަށް ފަހު އެ މީހުންގެ ކިބައިން އެހެން މީހުންނަށް ވައިރަސް ނާރާ ކަމަށް ފަހުގެ ދިރާސާތަކުން އެނގިފައި ވާތީ އެވެ.

މި ބަދަލާ އެކު، ބަލިން ރަނގަޅުވި ކަމަށް ނިންމައި ދޫކޮށްލާ މީހުންގެ އަދަދު ކުރިއަށް ވުރެ ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކުރިތާ 43 ދުވަސް ފަހުން މިދިޔަ މަހުގެ 30 އިން ފެށިގެން އަންނަނީ ލުއިތައް ދެމުންނެވެ. ބަލީގެ ހާލަތަށް ބަލައި އެކި މަރުހަލާތަކަށް ބަހާލައިގެން ލޮކްޑައުން އަށް ލުއި ދެމުން، ސަރުކާރުން ތައްޔާރުވަމުން އަންނަނީ ލޮކްޑައުންއާ ހެދި ހުއްޓުމަކަށް އައިސްފައިވާ އިގްތިސާދު އަލުން ފަށައި އާންމު ހާލަތަކަށް ދިއުމަށެވެ. އެކަމަކު މިއީ ބަލީގެ ނުރައްކާ ކުޑަވެގެން އަޅާ ފިޔަވަޅެއް ކަމަށް ނުބަލައި، އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅެން ސިއްހީ މާހިރުން އަންނަނީ ލަފާ ދެމުންނެވެ.