08 ޖޫން 2020 - 09:36

ބާސެލޯނާ (ޖޫން 8) - ކޮވިޑް-19 އަށް މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން މި ހަފްތާގައި ފަށާއިރު ބާސެލޯނާގެ ފުރަތަމަ މެޗަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ކިކޭ ސެޓިއެން ބުނެފި އެވެ.
މިިދިޔަ ހަފްތާގައި ބާސެލޯނާގެ ބައެއް ފަރިތަކުރުންތަކުގައި މެސީ ބައިވެރިއެއްނުވެ އެވެ. މެސީ ކުޑަ އަނިޔާއެއްގައި އުޅޭ ކަމަށް ބާސެލޯނާ އިން ވެސް ވަނީ މީޑިއާގައި ބުނެފަ އެވެ. އަދި ލީގު އަލުން ފަށައި އަންނަ ހޮނިހިރު ދުވަހު މަޔޯކާއާ ދެކޮޅަށް މެސީ ނުފެނިދާނެ ކަމަށް ވެސް އަޑުފެތުރުނެވެ. އެކަމަކު ސެޓިއެން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
"މި ކަހަލަ ކުޑަ އަނިޔާއެއްގައި މި ވަގުތު ހުރީ މެސީ އެކަންޏެއް ނޫން. މެސީ އެކަންޏެއް ނޫން ޓްރެއިނިންގައި ނެތީ ވެސް. އެހާ ގިނަ ދުވަސްވަންދެން ނުކުޅެ ހުރެފައި އެނބުރި އައިސް މިހެން އުޅެންވީމަ ކޮންމެ ކުޅުންތެރިޔަކަށް ވެސް އުނދަގޫތަކެއް ހުންނާނެ، އެ އުނދަގޫ މެސީ އަށް ވެސް ދިމާވީ. ކަނާތު ފައިގެ ފަލަމަސްގަނޑަށް ތަދެއް އެރީ. މިހާރު ރަނގަޅުވަމުން އަންނަނީ. ފުރަތަމަ މެޗުގައި މެސީ ހުންނާނެ،" ސެޓިއެން ބުންޏެވެ.
މި ސީޒަނުގެ ކުރީކޮޅުގައި ވެސް އަނިޔާގެ ސަބަބުން އުމުރުން 32 އަހަރުގެ މެސީ އަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އެކަމަކު މިހާރު އެ އަނިޔާތަކުން އެއްކޮށް މެސީ ރިކަވާވެފައިވާ ކަމަށް ދާދި ފަހުން ބާސެލޯނާގެ ޑޮކްޓަރާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ލަލީގާގައި ކޮންމެ ޓީމެއް ބާކީ 11 މެޗު ކުޅެން އޮތްއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން ދެ ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. މާޗް 12 ވަނަ ދުވަހު މެދުކަނޑާލި ލީގު ފަށާ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭނީ ސެވިއްޔާ އާއި ރެއާލް ބެޓިސް އެވެ. އޭގެ ކުރިން ސްޕެއިނުގެ ދެ ވަނަ ޑިވިޝަން އަލުން ފަށާނީ ބުދަ ދުވަހު ރަޔޯ ވަޔެކާނޯ ނުކުންނާނީ އަލްބަސިޓީ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަލުން ފުޓްބޯޅަ ފެށުމަށް ފަހު ކޮންމެ މެޗެއްގެ ކުރިން ކޮވިޑް-19 ޖެހުނު މީހުންނާއި މި ބަލީގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި އެއް މިނިޓްގެ ސުކޫތެއް ގެންނަން ނިންމައިފަ އެވެ.
މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަތަރު ވަނަ އަށް ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވީ ސްޕެއިނަށެވެ. އެ ގޮތުން އެ ގައުމުގައި މި ބަލީގެ 280،000 އަށް ވުރެން ގިނަ ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. އަދި 27،000 އަށް ވުރެން ގިނަ މީހުން މަރުވި އެވެ.