08 ޖޫން 2020 - 12:20

ކުއާލަ ލަމްޕޫރު (ޖޫން 8) - މެލޭޝިއާގައި މިހާރު ވަނީ ކާމިޔާބުކަމާ އެކު ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައި ކަމަށާއި އަންނަ ބުދަ ދުވަހުން ފެށިގެން އިގްތިސާދުގެ ބޮޑު ބައެއް ހުޅުވާލާނެ ކަމަށް ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ޔާސީން އިއްޔެ ވިދާޅުވީ މީގެ ތިން މަސް ދުވަސްކުރިން ލޮކްޑައުން ކުރަން އެޅި ފިޔަވަޅުތަކުން ބޮޑު ބައެއް އުވާލައި ބުދަ ދުވަހުން ފެށިގެން އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ވެސް ދަތުރު ކުރެވޭނެ ކަމަށެވެ.
"މެލޭޝިއާ އިން ވަނީ ވަރަށް ކާމިޔާބުކަމާ އެކު ވައިރަސް ކޮންޓްރޯލްކޮށްފައި. ޖޫން 10 އިން ފެށިގެން އޮގަސްޓް 31 ގެ ނިޔަލަށް ދާނީ ރިކަވަރީ ފިޔަވައްސެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ. "އަޅުގަނޑަށް އެނގޭ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ ރައްޔިތުންގެ ދިރިއުޅުން ތާއަބަދަށް ކޮންޓްރޯލް ނުކުރެވޭނެކަން."
ބުދަ ދުވަހުން ފެށިގެން އިގްތިސާދީ، އިޖްތިމާއީ އަދި ދީނީ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ސޯޝަލް ޑިސްޓެންސިން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ.
ރިކަވަރީ ފިޔަވަހީގަިއ ވަނީ ސްކޫލްތައް ވެސް އެކި ސްޓޭޖްތަކަށް ބަހާލައިގެން ހުޅުވަން ނިންމައިފަ އެވެ. ރިކަވަރީ ފިޔަވަހީގައި ބައިނަލްއަގުވާމީ ބޯޑަރު ހުޅުވުން ހިމަނައިފައެއް ނުވެ އެވެ. މުނިފޫހިވުލުމުގެ ހަރަކާތްތައް ބަންދުކޮށްފައިވާ އިރު ބޮޑެތި އެއްވުންތައް ވެސް ބޭއްވުން އަދި މަނަލެވެ. އޯޕަން އެއާ މާކެޓްތައް ހުޅުވާނީ ޖޫން 15 އިން ފެށިގެންނެވެ. ސެލޫންތައް ވެސް ބުދަ ދުވަހު ހުޅުވާނެ އެވެ.
ބޮޑު ވަޒީރު ވިދާޅުވީ ރިކަވަރީ ފިޔަވަހި ކާމިޔާބުވެއްޖެ ނަމަ އޮގަސްޓް 31 އިން ފެށިގެން، ބައްޔަށް ވެކްސިނެއް ލިބެންދެން ކުރިއަށް ގެންދާނީ ނޯމަލައިޒޭޝަން ފިޔަވައްސެއް ކަމަށެވެ.
"އެކަމަކު މި ފިޔަވަހިތަކުގައި ވެސް ކޮވިޑް-19 ގެ ސާޖެއް އަތުވެއްޖެ ނަމަ ބަލި ފެތުރޭ ސަރަހައްދުތައް ސަރުކާރުން ލޮކްޑައުން ކުރާނެ،" ޔާސީން ވިދާޅުވި އެވެ.
ހަ ހަފުތާ އަށް ފަހު މެލޭޝިއާގެ ލޮކްޑައުން އަށް ލުއިތައް ދޭން ފެށީ މެއި 4 އިން ފެށިގެންނެވެ. ސޯޝަލް ޑިސްޓެންސިން ޕްރޮޓޮކޯލްއާ އެއްގޮތަށް ފިހާރަތައް ހުޅުވުމުގެ ހުއްދަ ވެސް މެއި މަހު ވަނީ ދީފަ އެވެ.
ވޭތުވެދިޔަ އަށް ހަފުތާ އަށް ބަލާއިރު މެލޭޝިއާގައި ވަނީ ކޮރޯނާވައިރަހުގެ ކޭސްތައް ވަރަަށް ބޮޑަށް މަދުވެފަ އެވެ. ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ފެންނަނީ ގަވާއިދާޚިލާފަށް އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ މަސައްކަތު މީހުން ތިބޭ ސެންޓަރުތަކުގެ ކްލަސްޓާތަކުންނެވެ.
އާދިއްތަ ދުވަހު މެލޭޝިއާ އިން ޕޮޒިޓިވްވި 19 މީހުންނާ އެކު މިހާތަނަށް ވަނީ 8،322 މީހުން ޕޮޒިޓިވްވެފަ އެވެ. ބަލިޖެހުނު ގާތްގަނޑަކަށް 80 ޕަސެންޓް މީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. މެލޭޝިއާ އިން މަރުވެފައި ވަނީ 117 މީހުންނެވެ.