ވެކްސިން އުފެއްދުމަށް ޗައިނާ އިން ދަނީ ހުރަސް އަޅަމުން: އެމެރިކާގެ ސެނެޓަރެއް
ވެކްސިން އުފެއްދުމަށް ޗައިނާ އިން ދަނީ ހުރަސް އަޅަމުން: އެމެރިކާގެ ސެނެޓަރެއް

ވޮޝިންޓަން (ޖޫން 8) - ކޮރޯނާވައިރަހަށް އުފައްދާ ވެކްސިންގެ ރިސާޗަށް ޗައިނާ އިން ހުރަސް އަޅަމުންދާ ކަމަށް އެމެރިކާގެ ރިޕަބްލިކަން ސެނެޓަރެއް ކަމަށްވާ ރިކް ސްކޮޓް ވިދާޅުވެއްޖެ އެވެ.

ބީބީސީގެ ޕްރޮގްރާމެއްގައި ސްކޮޓް ވިދާޅުވީ "ޗައިނާ އަކީ ވެކްސިނާ ދެކޮޅު ގައުމެއް" ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރާނަން. އެކަމަކު ވެކްސިންގެ މަސައްކަތަށް ކޮމިއުނިސްޓް ޗައިނާ އިން ހުރަސްއަޅާ ނުވަތަ އެ މަސައްކަތް ލަސްކުރަން އުޅޭކަމުގެ ހެކި އެބަހުރި،" ސްކޮޓް ވިދާޅުވި އެވެ. "އެމެރިކާ އިން ނޫނީ އިނގިރޭސި ވިލާތުން ނުވަތަ ޔޫރަޕުގެ ގައުމަކުން ވިޔަސް ވެކްސިން އުފައްދައިފި ނަމަ ހުރިހާ ގައުމަކާ ހިއްސާ ކުރާނެ. އެކަމަކު ޗައިނާ އިން އެކަމެއް ނުކުރާނެ."

ވެކްސިން އަށް ޗައިނާ އިން ހުރަސްއަޅާ ކަމުގެ ހެއްކަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ހެކި އެބަހުރި ކަމަށާއި ހެކި ލިބުނީ އިންޓަލިޖެންސް އެޖެންސީން ކަމަށެވެ.

"ޗައިނާ އިން ކަންތައް ކުރިގޮތުން މުޅި ދުނިޔެ މި ވަނީ މާޔޫސްވެފައި. ވައިރަސްއާ ގުޅޭ ގޮތުން ޗައިނާ އިން ވަނީ ދޮގު ހަދާފައި. އެހެން ނޫން ނަމަ މިއަަށްވުރެ ރަނގަޅަށް ތައްޔާރުވާން ވަގުތު ލިބުނީސް،" ސްކޮޓް ވިދާޅުވި އެވެ.

އެކަމަކު ޗައިނާ އިން ބުނެފައި ވަނީ ވައިރަސްއާ ބެހޭ މައުލޫމާތު ޖެނުއަރީ 4 ގައި އެމެރިކާ އަށް ދީފައިވާ ކަމަށެވެ. އަދި އޭރު ވައިރަސްއާ ބެހޭ މާބޮޑު މައުލޫމާތެއް ނޭނގެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވޫހާން ސިޓީގައި ކޮރޯނާވައިރަސް ފެތުރޭކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ޗައިނާ އިން އަންގާފައި ވަނީ ޑިސެމްބަރު 31 ގަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެފައި ވަނީ ޗައިނާ އިން ވެކްސިނެއް އުފައްދައިފި ނަމަ މުޅި ދުނިޔެ އަށް ދޭނެ ކަމަށެވެ. ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެކަށީގެންވާ އަގެއްގައި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.