"މުހިންމު ބައްދަލުވުމަކުން" ޕީޖީ އާއި އޭޖީގެ ގުޅުން ދައްކާލައިފި
"މުހިންމު ބައްދަލުވުމަކުން" ޕީޖީ އާއި އޭޖީގެ ގުޅުން ދައްކާލައިފި

އެއީ ކޮން ބައްދަލުވުމެއްކަމެއް ނޭނގެ އެވެ. އެކަމަކު ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މެދުގައި ކުރިންސުރެ އޮތް ގުޅުން، ޝަމީމްގެ ފޭސްބުކުން މިއަދު ދައްކައިދެއްވީ "ވަރަށް މުހިންމު ބައްދަލުވުކަށް ފަހު ގެއަށް އެނބުރި ދަނީ" ކަމަށް ލިއުއްވަމުންނެވެ.

ދެން ޝަމީމް ދެއްވީ ދެ ބޭފުޅުންގެ މާޒީގެ ބައެއް މައުލޫމާތެވެ. އޭނާ ވިދާޅުވި ގޮތުގައި އޮކްޓޯބަރު 2004 ގައި ގާނޫނީ ވަކީލުންގެ ގޮތުގައި ރަޖިސްޓްރީވެ، ހަމަ އެ ދުވަހު ގާނޫނީ ވަކީލުކަމުގެ ހުވާކުރެއްވީ ވެސް ދެ ބޭފުޅުން އެކުގަ އެވެ. އެސިސްޓެންޓް ސްޓޭޓް އެޓާނީގެ މަގާމުން ހަމަ އެ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުގައި ވަޒީފާ ވެސް ފެއްޓެވި އެވެ.

ޝަމީމާއި ރިފްއަތު އެކުވެގެން ލޯ ފާމެއް ވެސް އުފެއްދެވި އެވެ.

"ބަނގުރޫޓު ވީ ވެސް އެކުގަ އެވެ،" ޝަމީމް ލިއުއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލުން ފައްޓަވައިގެން، އެކަމުގައި ކާމިޔާބު ހޯއްދެވި އެވެ. ޖިނާއީ މައްސަލަތަކުގެ ވަކީލެއްގެ ގޮތުން ޝަމީމް މަސައްކަތްކުރައްވާ އިރު، ރިފްއަތު ހިޔާރުކުރެއްވީ މަދަނީ ދާއިރާ ކަމަށް، އޭނާ ލިއުއްވި އެވެ.

އޭގެ ފަހުން ވިދާޅުވީ މި ނިޒާމުގެ ތެރޭގައި ގާތްގަނޑަކަށް 17 އަހަރު ހޭދަކުރެއްވުނު އިރު މި ވަގުތު އޭޖީ އާއި ޕީޖީގެ ހައިސިއްޔަތުން ދެ ބޭފުޅުންގެ ޒިންމާއަކީ "ފުނޑުވެފައި އޮތް ނިޒާމް ހަމަޔަކަށް އެޅުވުން" ކަމަށެވެ.

"ވަރަށް ގިނަ މަސައްކަތްތައް ކުރަން އެބަ ހުރި. އަހަރެމެން އަދި ކިރިޔާ މި ފަށައިގަތީ. އޭގެ ރަނގަޅު ނަތީޖާ އަދި ފެންނަ އޮތީ،" ޝަމީމް ލިއުއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިމަގުގައި ރިފްއަތު ކަންތައް ކުރައްވާނެ ގޮތެއް ޔަގީނެއް ނޫނެވެ. އެކަމަކު އޭނާގެ ހުވަފެނަކީ ރަށެއްގެ މެޖިސްޓްރޭޓް ކޯޓެއްގައި މަސައްކަތް ކުރައްވަމުން ރިޓަޔަކުރެއްވުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ ކުރިން އޮތީ، އޭނާ ވިދާޅުވި ގޮތުގައި، "އިންސާފުވެރި، ވަކިކޮޅަކަށް ނުޖެހޭ ނިޒާމެއް" ގެންނެވުމެވެ.

"އަހަރެމެން ކުރަން ޖެހޭ ކަމަކީ އެއީ،" ނިންމާލައްވަމުން ޝަމީމް ލިއުއްވި އެވެ. ދެން ދިވެހިން ލިއުއްވީ "ދަރިންގެ ދަރިންނަށްޓަކައި" އެވެ.

އެކަމަކު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މިދިއަ ދުވަސްތަކުގައި ދެ ބޭފުޅުންނަށް ވެސް ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ. ރިފްއަތާ މެދު ބައެއް މީހުން ހިތްހަމަނުޖެހުނީ ބަދަލުގެ ގޮތުގައި ކަމަށް ބުނެ، އެތައް މިލިއަން ރުފިޔާއެއް އެކި ފަރާތްތަކަށް ދޭން އެއްބަސްވެވަޑައިގަތުމެވެ. ޝަމީމާ މެދު ހިތްހަމަނުޖެހޭ މީހުންގެ ޝަކުވާއަކީ މި ފަހުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެތައް ބަޔަކު، ކޯޓުން ބަންދުކޮށްފައި ތިއްބާ ދޫކޮށްލެއްވާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ދާލެއް ލަސްކަމުންނެވެ.

ދެ ބޭފުޅުންގެ ކުރިމަތީގައި ވެސް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތެވެ. އަދި ސަރުކާރު ތެރޭގައި ހިނގާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މުއާމަލާތްތައް އަދިވެސް ހުއްޓުމަށް ނާންނަކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މި ސަރުކާރަށާއި ޕީޖީއަށް މާ ބޮޑެތި ފިޔަވަޅުތަކެއް އަދިވެސް ނޭޅެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން އަދި އެހެން ކާމިޔާބީއެއް، އެ ބޮޑު ހިޔާނާތާ ގުޅިގެން، ހޯދިފައެއް ނެތެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގެވުމުގައި އެންމެ އިސްކޮށް އުޅުވިކަމުގެ ތުހުމަތު އެޅިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުންނެވީ ގޭ ބަންދުގަ އެވެ. އެއީ ވެސް އެތައް ބައެއްގެ ޝަކުވާއެކެވެ.