މައްސަލަ ހުށަހަޅަން އިއުލާންކުރުމުން ޖިންސީ ގޯނާގެ ތުހުމަތު!
މައްސަލަ ހުށަހަޅަން އިއުލާންކުރުމުން ޖިންސީ ގޯނާގެ ތުހުމަތު!

ރުގުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކި ކަހަލަ ގެއްލުން ދެމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކުރުމާ އެކު އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް ފުލުސް އޮފީހަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.

ރުގުޔާގެ ނަމުގައި އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށު، ބުޗާގެ، މުހައްމަދު ނަސްރުﷲ، 55، އަށެވެ. ފުލުހުން ވަނީ އޭނާގެ ފަރާތުން އެއްވެސް ގެއްލުމެއް ލިބިފައިވާ މީހަކު ހުރި ނަމަ ފުލުހުންނަށް އެކަން ހުށަހަޅަން މިދިޔަ ބުދަ ދުވަހު އިއުލާން ކޮށްފަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ރުގްޔާގެ ނަމުގައި މީހުންނަށް ލަނޑުދޭ ކަމަށް ތުހުމަތުކުރި މީހެއްގެ މައްސަލަތައް ހުށަހަޅަން އިއުލާން ކުރުމާ އެކު އޭނާއާ ގުޅޭ އިތުރު ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި މީހުންގެ އަދަދެއް އަދި މައްސަލަތަކުގެ ބާވަތެއް ފުލުހުން ވިދާޅެއް ނުވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ގިނަ ބަޔަކު ތުހުމަތު ކުރަނީ ޖިންސީގޯނާ ކުރި ކަމަށެވެ.

ހައްޔަރުކޮށްފައިވާ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް އިތުރުކޮށްފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މުއައްސަސާ އިން އެދެނީ އޭނާގެ ފަރާތުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9792358 އަށް ގުޅައި ރިޕޯޓްކުރުމަށެވެ.

ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށަހަޅާ ކަަމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ ބުނެފަ އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އޭރު ވިދާޅުވީ ޖިންސީީ ގޯނާކުރުމުގެ މައްސަލަ ބޮޑަށް އަންނަނީ ސިހުރު ހެދުމުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތަކަށް ސަމާލުވާން ފުލުހުން އިރުޝާދު ދިން ނަމަވެސް ބައެއް މީހުން އެ އަޑުނާހާ ސިހުރުވެރިންގެ ގާތަށް ދެ އެވެ.