"މިރްޒިޔާ" ފްލޮޕްވިޔަސް ހަރްޝްވަރުދަން ހާހެއް ނުވޭ
"މިރްޒިޔާ" ފްލޮޕްވިޔަސް ހަރްޝްވަރުދަން ހާހެއް ނުވޭ

އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރުގެ ފުރަތަމަ ފިލްމު "މިރްޒިޔާ" ވަނީ ފްލޮޕްވެފަ އެވެ. ނަމަވެސް ފިލްމު ފްލޮޕްވުމަކުން ހަރްޝްވަރްދަން ނާއުންމީދެއް ނުވެ އެވެ.

ހަރްޝް ބުނި ގޮތުގައި ފިލްމު ފެއިލްވީކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި އެ ފިލްމަކީ ކޮންމެ ކޮންމެ މީހަކަށް ކަމުދާނެ އެއްޗެއް ނޫންކަން ކުރިވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ފިލްމަކަށް ވެސް ވާނީ ތަގުދީރުގައި ދިމާވާން ހުރި ގޮތެއް. މިދުވަސްވަރު ގިނަ ބަޔަކަށް ފިލްމު ކަމުނުދިޔަސް ކޮންމެވެސް ދުވަހަކުން އެ ފިލްމު މޮޅުވެގެން މީހުން އުޅޭނެ،" ހަރްޝްވަރްދަން ބުންޏެވެ.

ފިލްމު ފްލޮޕްވުމުގެ މާނަ އަކީ ހަރްޝްވަރްދަން އެކަމާ ހާސްވެގެން އުޅުމެއް ނޫނެވެ. އޭނާ ބުނީ ފިލްމަށް ބޮކްސް އޮފީހުގައި އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވި ނަމަވެސް އޭނާ އެކަމަކާ ހާހެއް ނުވެ އެވެ. ދެން ކުޅެން ހުރި ފިލްމުތަކުގައި އިތުރަށް މަސައްކަތްކޮށް ކާމިޔާބު ލިބޭތޯ އޭނާ ހިތްވަރުކުރާނެ އެވެ.

"އަލަށް ތައާރަފްވާ އެކްޓަރުން ބެލުންތެރިން ގަބޫލުކުރަނީ ވަކި ސިފަތަކެއް ހުރީމަ. އަހަރެން "މިރްޒިޔާ"ގައި ކުޅުނީ ވަރަށް ބޮޑު ތުނބުޅިއެއްލާފައި ހަޑިމުޑުދާރުކޮށް ހުންނަ މީހެއްގެ ބައި. މީގެ އިތުރުން ފިލްމުގައި ލޯބީގެ ވާހަކަ ގެނެސްދިނީ މިއުޒިކާއި ލަވައިގެ ތެރެއިން. އެހެންވެ ބައެއް މީހުންނަށް އެ ފިލްމާ އެހާ ގަޔާނުވެވުނީ ކަމަށް ދެކެނީ،" ހަރްޝްވަރްދަން، 25، ބުންޏެވެ.

ހަރްޝްގެ މިހާރުގެ އަމާޒު ހުރީ މިހާރު ކުޅެމުންދާ "ބާވޭޝް ޖޯޝީ" ކިޔާ ފިލްމަށެވެ. އަދި ހަރްޝްގެ ބައްޕަ އަނިލް ކަޕޫރު މީގެ ކުރިން ކުޅެފައިވާ ކާމިޔާބު ފިލްމެއް ކަމަށްވާ "މިސްޓަ އިންޑިއާ"ގެ ދެ ވަނަ ބައެއް ހަރްޝް ލައިގެން ތައްޔާރުކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ބޮލީވުޑުގައި މިދުވަސްކޮޅު ފެތުރިފައިވެ އެވެ.

ބުނެވޭ ގޮތުގައި މި ފިލްމުގައި މިސްޓަ އިންޑީއާގެ ބައި ހަރްޝް ލައްވާ ކުޅުވާފައި ސައިޑް ރޯލެއްގައި އަނިލް ބައިވެރިވުމަށް ވަނީ ގަސްތުކޮށްފަ އެވެ.