07 ޖޫން 2020 - 23:18

ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް މެއި މަހު ދޭ އިންކަމް ސަޕޯޓު އެލަވެންސަށް އެދި ހުށަހެޅުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މެއި މަހުގެ އެލަވެންސަށް އެދި ހުށަހެޅޭނީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް މިރޭ އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް މުއްދަތު އިތުރުކޮށްފަ އެވެ. އެކަމަކު މުއްދަތު އިތުރު ކުރި ވަކި ތާރީޚެއް އެ އިއުލާނަކު ނެތެވެ.
އާމްދަނީއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވަނީ 5،000ރ. ގެ އެލަވަންސެކެވެ. މި އެލަވަންސަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށެވެ.
ސަރުކާރުން މި އެލަވެންސް ދޭން ނިންމާފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހެވެ. މީގެ ތެރެއިން އޭޕްރިލް މަހުގެ އެލަވެންސަށް އެދޭ މުއްދަތު ހަމަވެފައިވާއިރު ފޯމު ލި ބައެއް މީހުންނަށް އެލަވެންސް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިންކަމް ސަޕޯޓް އެލަވެންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން) ނެވެ.
އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.
ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެ އެވެ.