07 ޖޫން 2020 - 21:10

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހުން މިއަދު ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިރޭގެ 7:04 އާ ހަމައަށް އިތުރު 10 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު ވަނީ 773 އަށް އަރައިފަ އެވެ. އެހެންވެ މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1،118 އަށް ދަށްވެފަ އެވެ.
ރޭ 12:00 އިން ފެށިގެން މިހާތަނަށް އަދި ކޮވިޑް-19 ގެ އެއްވެސް ޕޮޒިޓިވް ކޭހެއް ނެތެވެ. އެ ޓެސްޓްތައް ހަދަން އައިޖީއެމްއެޗްގައި ބޭނުންކުރާ އެކްސްޓްރެކްޝަން މެޝިނެއް ހަލާކުވެ ނަތީޖާ ލިބުމުގައި ލަސްތަކެއް ވަނީ ދިމާވެފަ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައިޖީއެމްއެޗުގައި ބޭނުންކުރަމުން އައި ދެ އެކްސްޓްރެކްޝަން މެޝިންގެ ތެރެއިން އެކަތި ހަލާކުވި ނަމަވެސް ޓެސްޓުކުރެވޭ މިންވަރަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. ކުރިއަށް ވުރެ މަދުވާނީ ގާތްގަނޑަކަށް 150 ސާމްޕަލް ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ އިތުރުން ކޮވިޑް ސާމްޕަލްތައް ޓެސްޓުކުރަމުން އަންނަނީ ފުލުހުންގެ ލެބޯޓްރީ އާއި އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އެ ބަލި އަދި ވެސް އެންމެ ގިނައިން ޖެހިފައި ވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 654 މީހަކަށް ބަލި ޖެހިފައިވެ އެވެ. ދެން އެންމެ ގިނައީ 21-30 އަހަރާ ދެމެދުގެ މީހުންނެވެ.
ކޮވިޑް-19 ޖެހިގެން އަށް މީހަކު މަރުވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 16 މީހަކަށް މި ވަގުތު އަންނަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެ އިން ވަނީ 1،901 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ.