18 އޮކްޓޯބަރ 2016 - 15:28

ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި އަންނަ ހުކުރު ދުވަހާ ހަމައަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓުން މިއަދު ބުނެފި އެވެ.
މިއަދު ވެރިރަށް މާލެ އަށް ކުރަމުން ދާ ގަދަ ވިއްސާރަ، ހަތަރު ގަޑިއިރު ވީ އިރު ވެސް ހުއްޓުމަކަށް ނާދެ އެވެ. މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެން ބޮޑުވެފަ އެވެ.
މެޓުގެ އޮފިޝަލަކު ވިދާޅުވީ އެންމެ ބޮޑަށް ވިއްސާރަ ކުރާނީ ޅ. އިން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްރަށަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި ހަފުތާ ބަންދު ތެރޭގައި މޫސުމް ކޮންމެވެސް ވަރަކަށް ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އަންނަ ހަފުތާގައި ވެސް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ އިތުރުން މިއަދު މިއީ ހޭނަކަތުގެ ފުރަތަމަ ދުވަހެވެ. ހޭ ނަކަތަކީ ރާއްޖޭގައި އެންމެ ގަދަ އެއް ނަކަތެވެ. އަދި އާންމުކޮށް ކޮންމެ އަހަރެއްގެ ހޭ ނަކަތުގައި ވެސް ވިއްސާރަވާ ކަމަށް މެޓުން ބުނެ އެވެ.
"ވިއްސާރަ މިކުރަނީ މިވެނި ނަކަތެއްގެ ސަބަބުންނެކޭ އަޅުގަނޑުމެން ނުބުނާނަން. އެކަމަކު ނަކަތާއި މޫސުމާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ހުރޭ،" އޭނާ ވިދާޅުވި އެވެ.
މެޓުން ބުނީ މާލޭ ސަރަހައްދަށް 15-25 މޭލާ ދެމެދުގެ ބާރު މިނުގައ ވައި ޖެހޭނެތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށެވެ. އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ބެލެވެނީ 10-29 މޭލާ ދެމެދުގަ އެވެ. ވިލާގަނޑުގައި ވައި ގަދަވާނެ އެވެ.
މިހާރު މިކުރާ ވިއްސާރައިގައި ކަނޑުމަތީގެ ދެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެގޮތުން ވިލިމާލެއިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން މަނިޔަފުއްޓަށް ދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި، މިއަދު ވަނީ އަޑިއަށް ގޮސްފަ އެވެ.