ވާނާ ޗެލްސީ އަށް؟ ލިޕްޒިގުން ބުނަނީ އަދި ނޭގޭ ކަމަށް!
ވާނާ ޗެލްސީ އަށް؟ ލިޕްޒިގުން ބުނަނީ އަދި ނޭގޭ ކަމަށް!

ބާލިން (ޖޫން 7) – އާރްބީ ލިޕްޒިގެ ޖަރުމަން ފޯވާޑް ޓިމޯ ވާނާ ޗެލްސީ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ލިޕްޒިގުން ޝައްކު އުފައްދައިފި އެވެ.

ނިމުނު ހަފުތާގައި ޖަރުމަނާއި އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ވާނާ ވަނީ މި ސީޒަން ނިމުމުން ޗެލްސީ އަށް ބަދަލުވާން އެއްބަސްވެފަ އެވެ. އަދި ޗެލްސީ އޮތީ އޭނާ އަށް ގާތްގަނޑަކަށް 50 މިލިއަން ޔޫރޯ ހޭދަކުރަން ތައްޔާރަށް ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން އުމުރުން 23 އަހަރުގެ ވާނާ އަށް ހަފްތާ އަކު 200،000 ޕައުންޑްގެ މުސާރައެއް ދޭން ވެސް ޗެލްސީން އޮތީ ހުށަހަޅާފައިވާ ކަމަށާއި ޗެލްސީ އަށް މިހާރު މި ޑީލް ފުރިހަމަ ކުރަން ބޭނުންވަނީ ވާނާގެ ރުހުން ކަމަށް ވެސް ބުނެފައިވެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވާނާ ވަނީ ޗެލްސީގެ ހުށަހެޅުން ބަލައިގަންނަން ވެސް ނިންމައިފަ އެވެ.

އެކަމަކު ލިޕްޒިގުގެ ސްޕޯޓިން ޑިރެކްޓަރު އޮލިވާ މިންޒްލާފްއާ ހަވާލާދީ އޭއެފްފީން ބުނި ގޮތުގައި ކޮންޓްރެކްޓް އުވާލުމަށްޓަކައި އެކްޓިވޭޓްކުރަން ޖެހޭ މާއްދާ ވާނާ މިހާތަނަށް އެކްޓިވޭޓްކޮށްފައިނުވާ ކަމަށާއި އެއްވެސް ކްލަބަކުން، ލިޕްޒިގަށް ޓްރާންސްފާ ކޮންޓްރެކްޓެއް ވެސް ނުލިބޭ ކަމަށެވެ.

ލިޕްޒިގާ އެކު ވާނާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މި މަހު 15 ވަނަ ދުވަހުގެ ކުރިން 55 މިލިއަން ޕައުންޑް ޓްރާންސްފާ ފީއެއް ދައްކައިގެން އޭނާ ގަތުމުގެ އިހުތިޔާރު ލިބެ އެވެ.

މިންޒްލާފް ބުނި ގޮތުގައި ވާނާގެ ޓްރާންސްފާގައި މިވަގުތު ބާރު އޮތީ ލިޕްޒިގަށް ނޫން ކަމަށާއި އެ ބާރު އޮތީ ވާނާ އަށް ކަމަށެވެ. އަދި ޓްރާންސްފާ އަކަށް ބަލަމުން އަންނަ ކަމަށް ވާނާ މީގެ ހަފުތާތަކެއް ކުރިން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ވާނާ ވަނީ މި ސީޒަނުގައި މިހާތަނަށް 40 މެޗުން 31 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 25 ގޯލަކީ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދެވެ. މިއީ ވާނާގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސީޒަނެވެ.